އެސްޓީއޯ އަކީ އުމުރުން ދުވަސްވީ ސަރުކާރުގެ ކުންފުންޏެކެވެ. މިކުންފުނީގެ ކްއާޓަރއެއްގެ މާލީ ރިޕޯރޓް ޝާއިއު ކުރުމުން މަދުބަޔަކުނޫނީ އޭގެތަފްސީލްތައް ވަޒަންކޮށްލުމަކީ މާކަމުހިންމު ކަމަކަށް ނުދެކެއެވެ. ގިނަނޫސްތަކުގެ ފަލަސުރުހީތަކަށް އެެރީ ކުރީ ކްއާރޓަރ އަށްވުރެ އާމްދަނީ އިތުރުވެފައިވާ ވާހަކައެއެވެ. އަދި ހަބަރު ިޔާލުމުންވެސް މާބޮޑު ތަފްސީލެެެއެއް ލިޔެފައެއްވެސް ނޯވެއެވެ. ނަމަވެސް މިކުއާޓަރގެ ރިޕޯރޓް އަށް ބަލާލުމުން ފާހަގަކޮށްލެވެނީ ކޮންމެހެން ހައްލުކުރަންޖެހޭ މައްސަލަތަކެއް ހުރިކަން ރިޕޯރޓުންދައްކައެވެ.
މިރިޕޯރޓް އިތުރަށް ދިރާސާކުރާއިރު އެންމެ ފުރަތަމަ ފާހަގަކޮށްލެވުނު ކަމަކީ ކުންފުނީގެ އާރްއޯއޭ އަދި އާރްއޯއީ ހުރީ %4.24 ގައި ކަމެވެ. މިއީ މިފަދަ ވިޔަފާރިއެއްގައި ހުންނަންޖެހޭވަރަށްވުރެ ދަށް އިންސައްތައެކެވެ. އާންމު ގޮތެއްގައި މި އަދަދު ހުންނަންޖހޭނީ %5 އާއި %15 އާއި ދެމެދުއެވެ. މީގެން ދައްކައިދެނީ ކުންފުނީގެ ވަސީލަތްތައް އެންމެ ފުރިހަމަގޮތުގައި ބޭނުންކުރެވެމުންނުދާކަމެވެ. އަދި މިއީ މިކަންކަމަށް އިސްތިރާޖީ ބަދަލުތަކެއް ގެންނަން ޖެހޭކަން ހާމަވެގެންދާކަމެކެވެ.
މިއަށްވުރެން ކަންބޮޑުވާންވީ ކަމަކަށް ފާހަގަކުރެވުނީ ހިއްސާއަކަށް ޖެހޭ ކޭޝް ފުލޯ ކުއާޓަރ 3 ގައި 328ރ އިން ކުއާޓަރ 4 ގައި 154 އަށް ވެއްޓިފައިވާކަމެވެ. މިހާ ބޮޑުތަފާތަކުން ލިކުއިޑީޓީ ދަށްވެފައި ވުން ހާމަކުރަނީ ވިޔަފާރީގެ އޮޕަރޭޝަން ހިންގުމުގައި ހުރި މައްސަލަތަކެވެ. މިކަމުގެ ސަބަބުން ބާޒާރަށް އަންނަ ބަދަލުތަކަށް ކުންފުނި އެޑަޕްޓްވުމުގެ ޤާބިލްކަމާއި މެދު ސުވާލުވެސް އުފައްދައެވެ.
ކުރިއެރުން ފެންނަން ހުރި ކަންކަމަށް ބަލާލާއިރު ނެޓް އެސެޓް ޕަރ ޝެއަރ 3666ރ އިން 3825ރ ގެ ކުރިއެރުމަކާއި ކުންފުނީގެ ނެޓްވޯރތް 4133 މިލިއަން ރުފިޔާއިން 4311 އަށް ޖެހިފައިވީނަމަވެސް މިއީ ދެން ހުރި މާލީ ކަންބޮޑުވުންތަކާއި އަޅާބަލާއިރު މާނައެއްނެތް ކަންތަކެވެ. މިދިޔަ ކްއާޓަރ އިން މިކްއޯޓަރ އަށް ދަރަނީގެ ރޭޝިއު %1.69އިން %1.82 އަށް އަރާފައި ވެއެވެ. މި ރޭޝިއު ބުނެދެނީ ކުންފުނީގެ ދަރަނި ބޮޑުވަމުންދާކަމެވެ. އަދި މިއީ ވިސްނުންތެރިކަމާއި އެކު ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ އެންމެ މުހިންމު އެއް ކަންތަކެވެ.
ހުރިހާ ހިސާބުތަކަށް ބަލާއިރުވެސް ދެން ހާސްކަން ބޮޑުވާ އެއްކަމަކީ ކުންފުނީގެ ނެޓް ޕްރޮފިޓް ދަށަށް ދާކަމެވެ. ކިއު3 ގައި 195 މިލިއަން ރުފިޔާގައި ހުރި ފައިދާ ކިއު4 ގައި 183 މިލިއަން އަށް ވެއްޓިފައިވާަމެވެ. ހިއްސާގެ އާމްދަނީ 174ރ އިން 162ރ އަށް ވަނީ ދަށްވެފައެވެ. މިއީ ރަނގަޅު ފާލެއްކަމަށް ބެލެވޭކަށް ނެތެވެ. މިއިން ދައކައިދެނީ އިސްވެ ދެންނެވިހެން ވިޔަފާރި ހިންގުން ހަރުދަނާކުރުން އަވަސްކުރަންޖެހޭ ކަމެވެ. މާލީ އަނދަވަޅަކަށް ވެއްޓުނަނުދިނުމަށް އިސްތިރާޖީ ފިޔަވަޅުތަކެއް އަވަހަށް އަޅަންޖެހޭ ކަމެވެ.
ރާއްޖޭގެ ބާޒާރުގައި ހަރަކާތްތެރިވާ އަމިއްލަމީހުންގެ ބޮޑެތިވިޔަފާރިތަކުން ނެޓް ޕްރޮފިޓް %22 އިން %25 ގައި ހިފަހައްޓާއިރު އެސްޓީއޯގެ ނެޓް ޕްރޮފިޓް ހުރީ %5 ގައެވެ. (އާންމްދަނީ 16 ބިލިއަން، މުދަލުގެ އަގު 13.6 ބިލިއަން އަދި ނެޓްޕްރޮފިޓްއަކީ 819 މިލިއަން) ރާއޖޭގައި ބާޒާރުން މުދާގަނެގެން ވިޔަފާރިކުރާ ކުދިވިޔަފާރިތައްވެސް %15 އާއި %20 ދެމެދު ނަފާއެއް ހޯދާއިރު އެސްޓީއޯގެ ނަފާ %5ގައި ހުރުން އެއީ އަޖާއިބުވާކަމެެކެވެ. ސަރުކާރުގެ އެތައް ބިމަކާއި އަމިއްލަ ވިޔަފާރިތަކަށް ނުލިބޭ އެތައް އެތައް ސްޓްރެޓެޖިކް އެޑްވާންޓޭޖްތަކެއް ސަރުކާރުގެ ފަރާތުން ވާރުތަކޮށްފައިވާ ކުންފުންޏަކަށް މިއީ ހަމަ އެންމެ ރަނގަޅު ނަފާތޯ ސުވާލުއުފައްދަން މަޖުބޫރުކުރެއެވެ.
އެސްޓީއޯ މިގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. މިގޮތުން އެސެޓްތައް ބޭނުންކުރުން ހަރުދަނާކުރުމާއި އޮޕަރޭޝަން ސްޓްރީމްލައިން ކުރުމާއި ނަފާއިތުރުކުރާނޭ ޕްރައިޒިން ހަމަތައް ކަނޑައެޅުމާއި މަދުވެގެން %5 ހަރަދުކުޑަުރާނެ ގޮތްތަކެއް ހޯދުންފަދަ ކަންތައްތައްކެއް މިހާރުން މިހާރަށް ކުރަން ޖެހިފައިވެއެވެ. އަދި ބިޒްނަސް ޕްރޮސަސް އޯޑިޓް އެއް ހަދަިފިނަމަ ބަދަލުުކުރަން ހުރިކަންކަން ފުރިހަމައަށް ދެނެގަނެވޭނެއެވެ.
ވިޔަފާރިފުޅާކުރުމުގެ ވިސްނުމުގެ ތެރެއިން ފަތުރުވެރިކަމާއި ރިއަލްއެސްޓޭޓްއާއި ވެންޗަރ ކެޕިޓަލް އަދި ދެމެހެއްޓެނިވި ފެހިހަކަތައަށް ފަދަދާއިރާތަކަށް ވިޔަފާރި ފުޅާކޯށް އިންވެސްޓް ކުރެވިދާނެއެވެ. ބައިނަލްއަގުވާމީ ވިޔަފާރީގެ ދާއިރާތަކުން ކްރޮސްބޯޑަރ ރިއަލްއެސްޓޭޓް ކޮމޯޑިޓީ ޓްރޭޑް އަދި ސަޕްލައިޗެއިންގެ ދާއިރާއަށް ވިޔަފާރި ފުޅާކުރެވިދާނެއެވެ. މީގެއިތުރުން ބްލޮކްޗެއިން އަދި އާޓިފިޝަލް އިންޓެލިޖަންސް ފަދަ ޓެކްނޮލަޖީގެ ދާއިރާތައްވެސް ވިޔަފާރި ފުޅާކުރުމާއި މެދު ވިސްނުން ބެހެއްޓުން މުހިންމެވެ. މިކަމުގެ އެންމެ މުހިންމު އެއް ބޭނުމަކީ އުމުރުން 59 އަހަރުވެފައިމިވާ ސަރުކާރު ހިއްސާވާ ދިވެހި މުޖްތަމައުގައި މުހިންމު ދައުރެއްއަދާކުރާ އެސްޓީއޯ ދެމެހެޓެނިވި ތަރައްގީއާއި ދިމާލަށް ދީލާލުމެވެ. މިއީ ކޮންމެހެން ކުރަންޖެހިފައިވާކަން ބަލައިގަތުމެވެ.