ސަރުކާރުގެ ހަރަދުކުރުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ޕްރޮކިއުމަންޓް އުސޫލުތަކަށް ބަދަލު ގެންނަން ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ. ފިނޭންސް މިނިސްޓްރީން އާ ގަވާއިދުތަކުގެ މަގުސަދަކީ އިންސާފުވެރި އަދި ކަރަޕްޝަނާއިދުރު މިނިވަން ޕްރޮކިއުމަންޓް އުސޫލުތަކެއް ކަށަވަރު ކުރުމެވެ. މިގޮތުން އޮފީސްތަކުގެ ފައިސާއާބެހޭ އިސްވެރިންނާއި ޕްރޮކިއުމެންޓާބެހޭ އިސްވެރިންނާއި މާލީ ޒިންމާދާރު ވެރިޔާގެ އިތުރުން ސެކްރެޓަރީ ޖެނެރަލާ އާއިލީ ގޮތުން ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް އެއްވެސް ފަރާތަކާ އެކު ވިޔަފާރީގެ މުއާމަލާތެއް އެ އޮފީހަކުން ކުރުމަކީ މަނާ ކަމެކެވެ. އަދި އެފަދަ ކަމަކަށް ހުއްދަ ދެވޭނީ ކުއްލި ހާލަތްތަކުގައި ފިނޭންސް މިނިސްޓްރީން ކަމަށް އެ އުސޫލުގައިވެ އެވެ. މިއީ ވެންޑަރުން ހޮވުމުގެ ތެރޭގައި ފޭވަރިޓިޒަމްގެ ފުރުސަތު ނައްތާލުމަށް ކަޑައެޅުނު އުސޫލެކެވެ. މީގެ އިތުރުން ސަރުކާރު މުވައްޒަފަކާ ގުޅުންހުރި ފަރާތަކާ ދާއިމީ ގޮތުން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކުރުމަށް އެއްވެސް ހާލަތެއްގައި ހުއްދަ ދީގެން ނުވާނެ ކަމަށް ވެސް މި އުސޫލުގައިވެއެވެ.