ޕެންޝަން އޮފީހުން މާލީ ދާއިރާގެ ފަންނީ މީހުން އުފެއްދުމަށް އަމާޒުކޮށް ސްކޮލަރޝިޕް ޕްރޮގްރާމެއް ތަޢާރަފުކޮށްފިއެވެ.
އިއްޔެ އެ އޮފީހުން ހާމަކުރި ގޮތުގައި، މި ޕްރޮގްރާމުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ އެކި ދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލުކޮށް، ކުރިއަރައި ދިއުމަށް ބޭނުންވާ ހުނަރުވެރި ދިވެހިންނަށް އެ ފުރުޞަތު ފަހިކޮށްދީ، މާލީ ދާއިރާގައި މަސައްކަތްކުރާނެ ޤާބިލު މީހުން ތަމްރީނުކުރުމެވެ.
މެރިޓަށް ބިނާކޮށް ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ، ބައިނަލްއަޤްވާމީ ޔުނިވަރސިޓީ ދަރަޖަކުރުމަށް ބަލައި، ފެންވަރު ރަނގަޅު މަރުކަޒުތަކުން އަންޑަރގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމުތަކުގައި ކިޔެވުމުގެ ފުރުޞަތު ލިބޭނެ، ފުރިހަމައަށް ޚަރަދު ހަމަޖައްސައިދޭ ސްކޮލަރޝިޕް ޕްރޮގްރާމެއްކަމަށްވެސް ޕެންޝަން އޮފީހުން ބަޔާންކޮށްފައިވެއެވެ.
މި ޕްރޮގްރާމުގެ ދަށުން ކިޔެވުމަށް ކަނޑައަޅާ ދާއިރާތަކާއި ސްކޮލަރޝިޕްގެ އަދަދު ޕެންޝަން އޮފީހުން އަހަރަކު އެއްފަހަރު އިޢުލާންކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރަށް އަންޑަރގްރެޖުއޭޓް އެއް ސްކޮލަރޝިޕް ވަނީ އިޢުލާންކޮށްފައެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ، ފައިނޭންޝަލް ރިޕޯޓިންގ އެންޑް އެނަލިޓިކްސް، އިކޮނޮމެޓްރިކްސް ނުވަތަ އެކްޗުއަރިއަލް ސައިންސްގެ ތެރެއިން އެއް ދާއިރާއިން ކިޔެވުމަށެވެ.
މި އަހަރުގެ ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާރިޗު މަހުގެ 16 ވަނަ ދުވަހުގެ ހަވީރު 4:00 އެވެ. ސްކޮލަރޝިޕަށް ޝޯޓްލިސްޓްވާ ފަރާތްތަކުގެ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުން 17 ވަނަ ދުވަހުގެ ނިޔަލަށެވެ.