ޕޯސްޓުން އަންނަތަކެތި ރައްދުކޮށްދިނުމުގައި ތިން ވަނަ ފަރާތެއް މެދުވެރިއެއް ނުކުރާކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އިން ބުނެފިއެވެ.
ޕޯސްޓް އޮފީހުން ވަނީ އެ ކުންފުނި މެދުވެރިކޮށް އަންނަ ތަކެތި ފޯރުކޮށްދިނުމަށް ޒަމާނީ މެއިލް ޑެލިވަރީ ނިޒާމެއް ގާއިމުކޮށްފައެވެ.
އެ ކުންފުނިން މިއަދު ނެރުނު ނޯޓިސްއެއްގައި ބުނީ، ޕޯސްޓް އޮފީހަށް ލިބޭ އަދި ބަަލައިގަންނަ މޭލް (ޑޮކިއުމެންޓް، ޕެކޭޖް، ކޮންސައިންމަންޓް) ވެރިފަރާތަށް ރައްދުކޮށްދެމުން ދަނީ އެ ކުންފުނިން ގާއިމުކޮށްފައިވާ މެއިލް ޑެލިވަރީ ނިޒާމްގެ ތެރެއިން ކަމަށެވެ.
”ތިންވަނަ ފަރާތެއް މެދުވެރިކޮށްގެން ނުވަތަ ހަވާލުކޮށްގެން މޭލް ޑެލިވަރ ކުރަމުން ނުދާކަން ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދަންނަވަން” ޕޯސްޓުން ބުނެފަވެއެވެ.
ޕޯސްޓް އޮފީހުން މިފަދައިން ބުނެފައި މިވަނީ އެކި ކުންފުނިތަކާއި އިދާރާތަކުގެ ނަމުގައި ގުޅައި އޮޅުވާލައިގެން މައުލޫމާތު ހޯދުމަށްފަހު ފައިސާ އަތުލުމުގެ ސްކޭމްތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.