އެޕަލް އިން އިއުލާން ކުރި ގޮތުގައި އަހަރީ ވޯލްޑްވައިޑް ޑިވެލޮޕަރ ކޮންފަރެންސް ފަށާނީ ޖޫން މަހުގެ 10 ވަނަ ދުވަހު ކަމަށެވެ. އެހެންކަމުން އެ ކޮންފަރެންސްގައި އެ ކުންފުނިން އެންމެ ފަހުގެ އާޓިފިސަލް އިންޓެލިޖަންސްގެ އެޑްވާންސްމަންޓްތައް ދައްކާލާނެ ކަމަށް ބެލެވެ އެވެ.
އެޕަލް ސޮފްޓްވެއާގެ އެންމެ ބޮޑު ދައްކާލުމެއްގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ގިނަ ބަޔަކު އިންތިޒާރުކުރާ މި ކޮންފަރެންސް ކުރިއަށްދާނީ ޖޫން 10 ވާ ހޯމަ ދުވަހުން ފެށިގެން ޖޫން 14 ވާ ހުކުރު ދުވަހުގެ ނިޔަލަށެވެ.
މިދިޔަ އަހަރުގެ ޑަބްލިޔުޑަބްލިޔުޑީސީން ފޯކަސް ކުރީ ފެބްރުއަރީ މަހު ފިހާރަތަކަށް ތައާރަފްކުރި ވިޝަން ޕްރޯ މިކްސްޑް ރިއަލިޓީ ހެޑްސެޓް ދައްކާލުމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ކުންފުނިން ޝައުގުވެރިވަނީ ޗެޓްބޮޓްތަކާއި އެހެނިހެން އޭއައި ޓޫލްތައް ހިމެނޭ ގޫގުލްގެ ޖެމިނީ އޭއައި އިންޖީނު ކުރިއަށް އޮތް އައިފޯންތަކަށާއި އައިއޯއެސް 18 ގެ ފީޗާތަކަށް ލައިސަންސް ދިނުމަށެވެ.
އާޓިފިޝަލް އިންޓެލިޖެންސް ތަރައްގީކޮށް ތައާރަފް ކުރުމަށް ޓެކް ކުންފުނިތަކުން އެތައް ބިލިއަން ޑޮލަރެއް ހަރަދުކުރާއިރު، އެޕަލް އަދި މިހާތަނަށް އެއްވެސް އޭއައި ފީޗާރއެއް ފޯނަށް ތައާރަފްކޮށްފައެއް ނުވެއެވެ. ގޫގުލްއާ އެކު ޕާޓްނަޝިޕެއް ހެދުމުން އެޕަލް އަށް ބޮޑު ކުރިއެރުންތަކެއް ހޯދޭނެކަމަށް އެކުންފުނިން ދެކެއެވެ.
އެޕަލްގެ އުފެއްދުންތައް ދިރާސާކުރާފަރާތްތައް ވެސް ދާދި ފަހުން ބުނެފައި ވަނީ އެމްއެމް1 ކިޔާ މަލްޓި މޯޑަލް މޮޑެލްތައް އެޕަލް އިން އުފައްދާފައިވާ ކަމަށެވެ. އެ ރިޕޯޓެއްގައި ބުނެފައި ވަނީ އެ އާ އުސޫލުތަކުގައި “މަތީ ގާބިލްކަން” ލިބިފައިވާ ކަމަށާއި ޓެކްސްޓާއި ތަސްވީރުތަކަށް ޖަވާބުދާރީވުމަށް އެޑްވާންސް ރިޒަނިން އާއި އިން ކޮންޓެކްސްޓް ލާނިން ލިބިގެންދާނެ ކަމަށެވެ.
އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޑަބްލިޔުޑަބްލިޔުޑީސީ 2024 ގައި އައިފޯން، އައިޕެޑް، މެކް، އެޕަލް ވޮޗް، އެޕަލް ޓީވީ އަދި ވިޝަން ޕްރޯ ހެޑްސެޓަށް އަންނަ ސޮފްޓްވެއާ އަޕްޑޭޓްތައް ވެސް މިކޮންފަރަންސްގައި ހިއްސާކުރާނެ ކަމަށެވެ.