ދިވެހިރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އެ ޕްލެޓްފޯމްގެ ފުރަތަމަ ސީޒަން ތަޢާރަފުކޮށް، “ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 2025” ގެ ނަމުގައި ޤައުމީ ފެންވަރުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.
ދިރާގުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޗެމްޕިއަންޝިޕްގައި ހަތަރު ވައްތަރެއްގެ ގޭމް ހިމެނޭނެއެވެ. މި މުބާރާތުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ގޭމިންގ އަށް ޝައުޤުވެރިކަން ހުރި ފަރާތްތައް އެއްތަނަކަށް ގެނެސް، އެ ފަރާތްތަކުގެ ހުނަރާއި ޤާބިލުކަން ދެއްކުމުގެ ފުރުޞަތު ހޯދައިދިނުމެވެ.
މި ޗެމްޕިއަންޝިޕް އިންތިޒާމުކުރުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ގޭމް ކުޅުންތެރިންނަށް އައު ތަޖުރިބާތަކެއް ހޯދައިދީ، އެ ފަރާތްތަކުގެ ހުނަރު އިތުރުކޮށް، ގޭމިންގ ކޮމިއުނިޓީ ކުރިއެރުވުމަށް ޑީޖީޖީ އިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކުރުމެވެ. މިހާތަނަށް މި ކޮމިއުނިޓީގައި 4,000 އަށްވުރެ ގިނަ މެންބަރުން ވަނީ ރަޖިސްޓަރީ ކޮށްފައެވެ. އަދި މި ފަރާތްތަކަށް އަމާޒުކޮށްގެން ޑީޖީޖީ އިން ވަނީ ވާދަވެރި އަދި ކާމިޔާބު ގިނަ މުބާރާތްތަކެއް ހިންގައި، ދިވެހިރާއްޖޭގެ ވާދަވެރި ގޭމިންގ ދާއިރާ ކުރިއެރުވުމަށް އިސް ދައުރެއް އަދާކޮށްފައެވެ.
މި އަހަރުގެ ޑީއެމްޖީސީ ގައި “ޕަބްޖީ” އަދި “މޯބައިލް ލެޖެންޑްސް: ބޭންގް ބޭންގް” ގެ އިތުރުން، އަލަށް “ރޮކެޓް ލީގް” އަދި “އެފްސީ 25” ވެސް ހިމެނޭނެއެވެ. ކޮންމެ ގޭމަކަށް ޚާއްޞަކޮށްގެން ވަކި މުބާރާތްތަކެއް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި “ޕަބްޖީ މޯބައިލް ކޮލިފައި” ގެ އެންމެ މޮޅު 16 ޓީމުގެ މެދުގައި ވާދަވެރި މުބާރާތެއް ބޭއްވުމާއި، މޯބައިލް ލެޖެންޑްސްގެ އެންމެ މޮޅު ހަތް ޓީމުގެ މެދުގައި ފައިނަލް މެޗްތަކެއް ބޭއްވުން ހިމެނެއެވެ.
މީގެ އިތުރުން، “ރޮކެޓް ލީގް” ގައި ދެ ކުޅުންތެރިން އެހެން ދެ ކުޅުންތެރިންނާ ވާދަކުރުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި “އެފްސީ 25” ގައި ކުޅުންތެރިންނަށް އަމިއްލަ ހުނަރުތައް ދެއްކުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ގޮތުން، ދިވެހިރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ދިރިއުޅޭ، ކޮންމެ ފެންވަރެއްގެ ކުޅުންތެރިއަކަށްވެސް މި ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައި، ދިރާގުން ވަނީ ހުރިހާ ފަރާތްތަކަށް މަރުޙަބާ ކިޔާފައެވެ.
މި ޗެމްޕިއަންޝިޕްގެ މައި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހު މާލޭ ސިޓީގައެވެ.
ދިވެހިރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ގޭމިން ޕްލެޓްފޯމްގެ ގޮތުގައި ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކުރިމަގުގެ ޖީލުތަކުގެ ގޭމިން ހުނަރުތައް ތަރައްޤީކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންދެއެވެ. ދިރާގުން މި މުބާރާތް ރާވައި ހިންގުމަކީ ދިވެހި ގޭމިން ދާއިރާ އާ އުސްމިންތަކަކަށް ގެންދިއުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހާސިލުކުރެވުނު އިތުރު ކާމިޔާބީއެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.
މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ކަމާބެހޭ ވެބްސައިޓް މެދުވެރިކޮށް މުބާރާތާ ގުޅޭގޮތުން އިޢުލާންކުރަމުން ގެންދާނެ ކަމަށް ދިރާގުން މަޢުލޫމާތު ދީފައިވެއެވެ.
މި ޗެމްޕިއަންޝިޕަކީ ދިވެހިރާއްޖޭގެ ގޭމިން ދާއިރާއަށް އައު ހަރުފަތަކަށް އަރައިގަތުމުގެ ފުރުޞަތެއް ކަމަށާއި، ޤައުމީ ފެންވަރުގައި ގޭމިން ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މި މުބާރާތް ފާހަގަކުރެވެއެވެ. މި މުބާރާތުގެ ސަބަބުން ދިވެހި ކުޅުންތެރިންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުޞަތު ފަހިވެ، ރާއްޖޭގެ ގޭމިން ދާއިރާ އިތުރަށް ކުރިއަރައި ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.