ދިވެހިރާއްޖޭގެ އިޤްތިޞާދީ ހާލަތު ކުރިން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، މިހާރު ރަނގަޅުވަމުންދާކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްޞަ ބަޔާނެއްގައި، ސަޢީދު ފާހަގަކުރެއްވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އިޤްތިޞާދީ ހާލަތު އޮތީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށެވެ. އެހެންނަމަވެސް، މިހާރު އެ ހާލަތު ވަނީ އެދެވޭ މިންވަރަކަށް ރަނގަޅުވެފައި ކަމަށާއި، އައު މަޝްރޫޢުތަކެއް ފެށި، ޤައުމު ދަނީ ކުރިއަރަމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ގޮތުން، އެއަރ އެމްބިއުލަންސްގެ ޚިދުމަތް ފެށުމާއި، ވައިޑް ބޮޑީ އޮޕަރޭޝަންގެ ދަށުން ޗައިނާއިން ސީދާ ފަތުރުވެރިން އަންނަން ފެށުމާއި، ވަޒީފާގެ ބާޒާރަށް އައިސްފައިވާ ފުޅާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޢުމްރާނީ ގިނަ މަޝްރޫޢުތަކެއް ފެށިފައިވާކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ މި އަހަރަކީ އިޤްތިޞާދީ ގޮތުން ވަރަށް ހަރަކާތްތެރި އަހަރަކަށް ވާނެ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުގައި ހިމެނޭ މަޝްރޫޢުތަކުގެ އިތުރުން، ބަޖެޓުން ބޭރުންވެސް އެކި ސިނާޢަތްތަކުގެ މަޝްރޫޢުތައް ކުރިއަށްދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ހއ. އަދި ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށްޓަކައި އިތުރު އެނދުތަކެއް ޤާއިމުކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށާއި، އެ ސަރަޙައްދުގައި އިކޮނޮމިކް ގޭޓްވޭގެ މަސައްކަތްވެސް ފެށޭނެ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.