މިދިޔަ އަހަރާ އަޅާބަލާއިރު ސަރުކާރުގެ ހަރަދުތައް ދަށަށް ގޮސްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި މާލީ ބަޔާނުގައި ބުނެފައިވެ އެވެ. މާޗް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކަވަރުކުރާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖުމްލަ ހަރަދުވެފައިވަނީ 8.94 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔައަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 1.45 ބިލިއްން މަދު އަދަދެކެވެ. ނަމަވެސް މިއާއި ގުޅިގެން ދެ ކަމެއް ފާހަގަކުރެވެއެވެ. އެއީ ކެޕިޓަލް ހަރަދު ވަރަށް ބޮޑަށް ދަށްވުމާ ރިކަރެންޓް ހަރަދު އިތުރުވުމެވެ.
ފިނޭންސް މިނިސްޓްރީން އެންމެފަހުން ނެރުނު ތަފާށް ހިސާބަށް ބަލާލާއިރު ޖުމްލަ ގޮތެއްގައި ޙަރަދުތައް ދަށްވުމުގެ އެންމެ ބޮޑު ސަބަބަކީ ކެޕިޓަލް ހަރަދު ބޮޑުތަނުން ދަށްވުމެވެ. މިގޮތުން މިދިޔައަހަރާއި އަޅާބަލާއިރު މިއަހަރު މިހާތަނަށް ދައްވެފައިވަނީ 1.58 ބިލިއަން ރުފިޔާއެވެ. މި ޚަރަދުތަކުގައި އާންމުކޮށް ހިމެނެނީ އިންފްރާސްޓްރަކްޗަރ އަދި ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކަށް ކުރާ އިންވެސްޓްމަންޓްތަކެވެ. ކެޕިޓަލް ހަރަދުގެ މުހިއްމު ބައެއް ކަމަށްވާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްސް (ޕީއެސްއައިޕީ) ވެސް ވަނީ 1.75 ބިލިއަން ރުފިޔާ ދަށަށް ގޮސްފަ އެވެ.
އަނެއްކޮޅުން ތަކުރާރުކޮށް ކުރާ ހަރަދުން (ރިކަރަންޓް) ވެސްދައްކަނީ މަތިވަމުން އަންނަކަމެވެ. ސަރުކާރުގެ އިދާރާތަކުގެ ދުވަހުން ދުވަހަށް ހިންގުމުގެ ހަރަދުތައް ހިމެނޭ މި ކެޓަގަރީގައި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 0.13 ބިލިއަން ރުފިޔާގެ އިތުރަށް ޙަރަދުވެފައިވެއެވެ.
ސަރުކާރުން ކުރާ ހަރަދު ދަށްވުމުގެ އިތުރުން އާމްދަނީގެގޮތުގައި ލިބޭފައިސާ ރަނގަޅުވާކަމުގެ ނިޝާންތައް މާލީ ބަޔާނުން ފެނެއެވެ. މިދިޔައަހަރުގެ މިމުއްދަތާއި އަޅާބަލާއިރު މިއަހަރު 0.13 ބިލިއަން ރުފިޔާގެ އާމްދަނީ އިތުރުވެފައިވާއިރު، މިއީ ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީން އިތުރުވުމުގެ ސަބަބުން ލިބުނު ކުރިއެރުމެކެވެ. އާމްދަނީން 500 މިލިއަން ރުފިޔާގެ އިތުރުވުމަކީ މާލީ ހާލަތު ރަނގަޅުވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ބެލެވެއެވެ.
މިމާލީ ބަޔާންނުން ޖުމްލަ ޚަރަދުތައް ދަށްވުމުން ކޮންޓްރޯލް ކުރެވިފައިވާ މާލީ އުސޫލުތަކެއް ޤާއިމުވަމުންދާކަން ދޭހަވާއިރު، ކެޕިޓަލް ހަރަދު ދަށްވުމުން އިންފްރާސްޓްރަކްޗާ ތަރައްގީއަށް ދިގު މުއްދަތުގައި ކޮށްފާނެ އަސަރުތަކާ މެދު ކަންބޮޑުވުންތައް އުފައްދައެވެ.
މި އަހަރަށް ސަރުކާރުގެ ބަޖެޓަކީ 49.86 ބިލިއަން ރުފިޔާ އެވެ. އަހަރު ކުރިއަށްދާ ވަރަކަށް ޚަރަދުކުރުމުގެ އުސޫލުތަކަށް ވާގޮތާއި، ކެޕިޓަލް އާއި ރިކަރެންޓް ހަރަދުގެ ތަފާތު ޓްރެންޑްތައް ދެމިއޮތްތޯ ބަލަމުން ގެންދިއުން މުހިންމެވެ.