ރާއްޖޭގެ އުތުރުގައި ބަންކަރިން ހިދުމަތް ފަށަން އެސްޓީއޯއިން ގެންނަ ބަންކަރިން ބޯޓުތައް މި މަހުގެ 22 ގައި އަންނާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވަޖީހު ވިދާޅުވީ މި ބޯޓުތައް އަންނަންވާ އިރަށް ބަންކަރިން ހިދުމަތް ފަށަން، އެ ކުންފުންޏާ ހަވާލުކުރެވިފައިވާ ހުރިހާ މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ.
ބަންކަރިން ވިޔަފާރި ކުރަނީ އެސްޓީއޯއިން ނަމަވެސް އެ ހިދުމަތް ފެށުމުގެ ކުރިން ކޮންމެހެން ބޭނުންވާ އެހެން މަސައްކަތްތަކުގެ ބޮޑު ބަޔެއް ކުރަނީ އެމްޕީއެލްއިންނެވެ. އެ ކުންފުނިން މި މަސައްކަތްތައް ކުރަމުން އަންނަނީ ހއ. އުލިގަމުގަ އެވެ.
އުލިގަމުގައި ކުރިއަށްދާ އެންމެ މުހިންމު މަސައްކަތަކީ އެ ތަނުގައި ސިފައިންނާއި އިމިގްރޭޝަނާއި ކަސްޓަމްސްގެ އިތުރުން ޕޯޓު ހެލްތުގެ މުވައްޒަފުން ތިބޭނެ ތަންތަން އިމާރާތްކުރުމެވެ. ވަޖީހު ވިދާޅުވީ މި މަހުގެ 21 އަށް މި ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެ ކަމަށެވެ.
ބަންކަރިން ހިދުމަތް ފެށުމަކީ މެރިޓައިމް ސިނާއަތް ފުޅާކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ ފުރަތަމަ މަސައްކަތެވެ. މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ މި މަހުގެ 22 ގައި ބަންކަރިން ހިދުމަތް ފަށާނެ ކަަމަށް ވިދާޅުވެފަ އެވެ.
ބަންކަރިން ވިޔަފާރީގައި އެސްޓީއޯއާ ބައިވެރިވަނީ މި ދާއިރާގައި އެންމެ ބިޔަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ވިޓޯލް އެވެ.
މި ވިޔަފާރީގައި ވިޓޯލްގެ ދައުރަކީ އެސްޓީއޯގެ ބަންކަރުތަކަށް ތެޔޮ ފޯރުކޮށްދިނުމާއި ބަންކަރުތައް އިޝްތިހާރުކުރުމެވެ. އެސްޓީއޯއާއެކީ ޓާމްޝީޓެއްގައި ސޮއިކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ވިޓޯލް އިން ވަނީ އެ ކުންފުނީގެ ބަންކާސް މެޕުގައި ރާއްޖެ ހިމަނާފަ އެވެ.
އެސްޓީއޯއާ ހަވާލާދީ ހަބަރުތަކުގައިވާ ގޮތުގައި އެސްޓީއޯއިން މި ހިދުމަތް ފަށަނީ 4000 މެޓްރިކް ޓަނުގެ ދެ ބަންކަރުންނެވެ. ސަރުކާރުން ބުނަނީ މި ވިޔަފާރި ފެށުމުން ފުރަތަމަ އަހަރުގެ ތެރޭގައި ވެސް 400 މިލިއަން ޑޮލަރު އިގުތިސޯދަށް ވަންނާނެ ކަމަށެވެ.