ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރަމުންދާކަން ފާހަގަކުރެވެއެވެ. ޓޫރިޒަމް މިނިސްޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ ފުރަތަމަ ދެ ދުވަހު އެކަނި ވެސް 18،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 41 އިންސައްތައިގެ ކުރިއެރުމެކެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން އިތުރަށް ހާމަވާގޮތުގައި، މި މަހުގެ ފުރަތަމަ ދެ ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 18،593 އެވެ. މީގެ އިތުރުން، ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި 214،864 ފަތުރުވެރިންނާއެކު، މި އަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ޖުމްލަ އަދަދު ވަނީ 233،457 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.6 އިންސައްތައިގެ އިތުރުވުމެކެވެ.
ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ 10 ޤައުމުގެ ތެރޭގައި ޗައިނާ، ރަޝިއާ، އިޓަލީ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އިންޑިއާ، ފްރާންސް، އެމެރިކާ، ޕޮލެންޑް އަދި އޮސްޓްރިއާ ހިމެނެއެވެ. މީގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ގިނަ އަދަދެއްގެ ފަތުރުވެރިން (69.9 އިންސައްތަ) ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައެވެ. އަދި 25.2 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ގެސްޓްހައުސްތަކުގައެވެ. މީގެ އިތުރުން، ޓޫރިސްޓް ހޮޓާތަކާއި ސަފާރީ އުޅަނދުތަކުގައި ވެސް ފަތުރުވެރިން ޗުއްޓީ ހޭދަކުރާކަން ފާހަގަކުރެވެއެވެ.
މި ވަގުތު ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް 171 ރިސޯޓާއި، 793 ގެސްޓްހައުސް، 154 ސަފާރީ އުޅަނދު އަދި 15 ހޮޓާ ހިންގަމުން ގެންދެއެވެ. މި ތަފާސްހިސާބުތަކުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާވަމުންދާކަން ހާމަވެއެވެ.