ޗައިނާއިން ރާއްޖެއަށް ދޫކޮށްފައިވާ ޑައިރެކްޓް ލޯނުތަކަށް ލުއި ދިނުމަށް ނިންމައިފި އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މިކަން އިއުލާންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހުގައެވެ .
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރާއްޖެ އިން ޗައިނާ އަށް ދައްކަންޖެހޭ ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވަން ޝީ ނިންމެވީ ދެ ގައުމުގެ ރަސްމީ ވާހަކަތަކުގެ ތެރޭގައި ކަމަށެވެ. އެހެންވެ، އެ ކަން ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަން ޗައިނާގެ މާލީ ދާއިރާގެ ފަންނީ ޓީމެއް ވަރަށް އަވަހަށް ފޮނުވަން ރައީސް ޝީ ނިންމެވި ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
“ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހިފައިވާ ފައިސާ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގައި ވީހާވެސް ބޮޑަށް ގްރޭސް ޕީރިއެޑެއްލައި، މުއްދަތު ދިގު ދަންމާލައި ފަސް އަހަރު ދުވަސް ތެރޭގައި ލުއި ގޮތަށް އެ ލޯނުތައް ދެއްކޭނެ ގޮތެއް ދިރާސާކޮށް ދެއްކޭނެ ގޮތްތަކެއް ކަނޑައެޅި ހަމަޖެހޭނެ ގޮތެއް ހެދުމަށް ޗައިނާގެ ފައިނޭންސް ދާއިރާގެ ޓެކްނިކަލް ޓީމެއް ފޮނުއްވަވާނެ” ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވެސް ޗައިނާ ސަރުކާރުން ރާއްޖެ އަށް ހަމަޖައްސައި ދިން ކަމަށެވެ. އެ ފައިސާ ހޭދަކުރާނީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އިން ކަނޑައަޅާ ތަރައްގީގެ މަޝްރޫއުތަކަށެވެ.
“އޭގެ ތެރެއިން އެންމެ ބޮޑު އެއްޗެއް ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ މާލޭގެ މަގުތައް ހެދުމަށް. އޭގެ އިތުރަށް ވެސް ގިނަ ކަންތައްތަކެއް އޭގެ ތެރެއިން ކަވަރު ވެގެންދާނެ،” ރައީސް ވިދާޅުވި އެވެ.
ރާއްޖެ އިން ދައްކަންޖެހޭ ލޯންތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ގިނަ ލޯން ދައްކަންޖެހިފައިވަނީ ޗައިނާ އަށެވެ.