ޤައުމީ އެއާލައިން މޯލްޑިވިއަނުން ދިގު ދަތުރުތަކަށް ހާއްސަ ބޮއިން 8-787 މަރުކާގެ ބޯޓެއް ކުއްޔަށް ނަގަން އިއުލާނުކޮށްފިއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑު (އައިއޭއެސް) އިއްޔެ ކުރި އިއުލާނެއްގައި ވަނީ ބޮއިން 8-787 މަރުކާގެ ބޯޓެއް ޑްރައި ލީޒްކޮށްދޭނެ ފަރާތެއް ހޯދަން ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލައިފައެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ މި ބޯޓު ކުއްޔަށް ގެންނަނީ ޑްރައި ލީޒް އުސޫލުން ކަމަށެވެ. އެގޮތުން އެ ކުންފުނިން ކަނޑައަޅާ ޝަރުތުތަކެއްގެ ތެރެއިން އެ ބޯޓު ގެނެސްދޭން ޝައުގުވެރިވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު އޮތީ ހުޅުވައިލައިފައެވެ.
އައިއޭއެސްއިން ބުނީ ބޮއިން 787ގެ ބޯޓެއް ގެންނަނީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތައް އިތުރުކޮށް، ދުރު މަންޒިލްތަކަށް ފްލައިޓުތައް ތައާރަފު ކުރަން ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުމަށް ކަމަށް ވެސް އައިއޭއެސް އިން ބުންޏެވެ.
މި މަތިންދާބޯޓުގައި އިކޮނޮމިކް އަދި ބިޒްނަސް ކްލާސް ހުންނަންވާނެ ކަމަށާއި ބިޒްނަސް ކްލާސްގައި މަދުވެގެން 15-20 ސީޓް ހުންނަންވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެއެވެ.
ބޮއިންގް 787-8 މަރުކާގެ ބޯޓަކީ 250 ސީޓް ހުންނަ ބޯޓެކެވެ. މި މަރުކާގެ ބޯޓު ދަތުރުތަކުގައި ބޭނުން ކުރަން ފެށީ 2011 ވަނަ އަހަރުއެވެ.