ފުރަތަމަ ފަހަރަށް އެޕަލް އިން ސެމްސަންގް ބަލިކޮށް އަހަރެއްގެ ތެރޭގައި އެންމެ ގިނަ ސްމާޓްފޯނު ޝިޕްކޮށްފި އެވެ.
އައިޑީސީގެ ވޯލްޑްވައިޑް ކުއާޓާލީ މޯބައިލް ފޯން ޓްރެކާއިން ދައްކާ ގޮތުގައި އެޕަލްގެ ޖުމްލަ މޯބައިލް ޝިޕްމަންޓް 234.6 މިލިއަނަށް އަރާއިރު، ސެމްސަންގަށް އަރަނީ 226.6 މިލިއަން ޑޮލަރެވެ. އައިޑީސީގައި ބުނާގޮތުން 145.9، 103.1 އަދި 94.9 މިލިއަން ސްމާޓްފޯނާއެކު ޝިއޯމީ، އޮއްޕޯ އަދި ޓްރާންޝަން އުޅެނީ ގަދަ ފަހެއްގަ އެވެ.
އައިޑީސީން އެ ކުންފުނީގެ ޑޭޓާއަކީ ޕްރިލިމިނަރީ އަދި ބަދަލު ތަކެއް ގެންނަން ޖެހޭ ޑޭޓާއެއް ކަމަށް އިންޒާރު ދިން ނަމަވެސް، ދެވަނަ ރިސާޗް އެޖެންސީއެއް ކަމަށްވާ ކެނަލިސް އިން ވެސް ވަނީ 2023 ވަނަ އަހަރުގެ ހުރިހާ ކަމެއްގައި ވެސް އެޕަލް އެއް ވަނަ ހޯދާފައިވާކަމަށް ބުނެފަ އެވެ.
އައިޑީސީން ފާހަގަކުރާ ގޮތުގައި ސެމްސަންގް އެންމެ ފަހުގެ އަހަރީ ބޯޑުގެ އެންމެ ކުރީގައި ނުހިމެނުނީ މީގެ 13 އަހަރު ކުރިން 2010 ވަނަ އަހަރު އެވެ. އޭރު އެޕަލް ގަދަ 5 ގައި ވެސް ހިމެނިފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އެއް ވަނައިގައި ނޯކިއާ، ދެ ވަނައިގައި ސެމްސަންގް، ތިން ވަނައިގައި އެލްޖީ އިލެކްޓްރޯނިކްސް، ހަތަރު ވަނައިގައި ޒެޑްޓީއީ އަދި ފަސް ވަނައިގައި އޮތީ ރިސާޗް އިން މޯޝަން (ބްލެކްބެރީ ޑިވައިސް އުފައްދާ ކުންފުނިތައް) އެވެ.
އައިޑީސީގެ ވޯލްޑްވައިޑް ޓްރެކާ ޓީމުގެ ރިސާޗް ޑައިރެކްޓަރު ނަބީލާ ޕޮޕަލް ވިދާޅުވި ގޮތުގައި އެޕަލް އަކީ ކޮންމެ އަހަރަކު ވެސް ރަނގަޅު ކުރިއެރުމެއް ދައްކާ ހަމައެކަނި ކުޅުންތެރިޔާގެ އިތުރުން އަހަރަކު އެއް ވަނަ ކުޅުންތެރިޔާ އެވެ.
ސެމްސަންގް އެއް ވަނައިން ވައްޓާލުމުގައި އެޕަލް އިން މުހިންމު ދައުރެއް އަދާކުރި ކަން އައިޑީސީން ފާހަގަކުރި ނަމަވެސް، ވާވޭ، ވަންޕްލަސް، އޮނަރ އަދި ގޫގުލް ފަދަ އެންޑްރޮއިޑް އުފައްދާ އެހެން ކުންފުނިތަކުގެ ފަރާތުން ވެސް އެ ކުންފުންޏަށް ވަނީ ބޮޑު ވާދަވެރިކަމެއް ލިބިފަ އެވެ. މި ކުންފުނިތަކުން ޗެލެންޖް ކުރަނީ ހަމައެކަނި ސެމްސަންގް އެކަންޏެއް ނޫން ކަމަށާއި ވާވޭގެ “އިމްޕްރޫވްމަންޓް ސްޓްރެންތް” އަކީ ވެސް ޗައިނާގެ މާކެޓުގައި އެޕަލްގެ ކުރިއެރުމަށް ދިމާވެދާނެ މައްސަލައަކަށް ވެދާނެ ކަމަށް ކެނަލިސް ފާހަގަކުރެ އެވެ.
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އަރައިގަނެ، ޗައިނާގެ ޗިޕް އުފައްދާ ސެމިކޮންޑަކްޓާ މެނުފެކްޗަރިން އިންޓަނޭޝަނަލް ކޯޕަރޭޝަން (އެސްއެމްއައިސީ) އިން 5ޖީ ސްޕީޑުގެ މޭޓް 60 ޕްރޯ ސްމާޓްފޯނަށް އެޑްވާންސް 7އެންއެމް ޕްރޮސެސަރެއް އުފެއްދުމަށް ވާވޭ އިން މަސައްކަތް ކޮށްފައިވާ ކަމަށް މިދިޔަ އަހަރު ވަނީ ރިޕޯޓްކޮށްފަ އެވެ.
2022 ވަނަ އަހަރާ އަޅާބަލާއިރު 2023 ވަނަ އަހަރު ޖުމްލަ ސްމާޓްފޯން ޝިޕްމަންޓް 3.2 އިންސައްތަ ދަށަށް ދިޔަ އެވެ. ނަމަވެސް ބާޒާރަށް އައި ހީނަރުކަމުން އަރައިގަނެވޭނެ ކަމުގެ ނިޝާންތައް ފެންނަން އެބަހުއްޓެވެ. އައިޑީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަތަރު ވަނަ ކުއާޓަރުގައި ޝިޕްމަންޓްތައް އަހަރުން އަހަރަށް 8.5 ޕަސެންޓް ކުރިއަރާފައިވާ އިރު، ކެނަލިސް އިން ވަނީ ސީދާ ހަތް ކުއާޓަރުގެ ދަށްވުމަކަށް ފަހު އަށް ޕަސެންޓް ކުރިއަރާފައި ވާކަމަށް ބުނެފަ އެވެ.