ފުވައްމުލަކު އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށްޓަކައި އެ މަސައްކަތް ފެށުމުގެ ކުރިން ހަދަން ޖެހޭ ސާވޭގެ މަސައްކަތް ފެށުމުގެ ތައްޔާރީތައްވާން ފަށައިފި އެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނި އާރްއޭސީ) އިން ބުނީ ސާވޭކުރާނެ ބަޔަކު ހޯދަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.
ފުވައްމުލަކު އެއާޕޯޓް ތަރައްގީ ކުރުމާ ގުޅޭ ގޮތުން އެ ކުންފުނިން ވަނީ ސިޓީ ކައުންސިލާ ވެސް ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ. އެގޮތުން އެއާޕޯޓްގެ މިހާރުގެ ރަންވޭ ބޮޑުކުރަން ނިންމާފައިވެ އެވެ. ފުވައްމުލަކުގެ އެއާޕޯޓްގެ ރަންވޭ އަކީ މިހާރު 1،200 މީޓަރުގެ ރަންވޭއެކެވެ. ނަމަވެސް ރަންވޭ 1،600 ނުވަތަ 1،800 މީޓަރަށް ދިގުކުރަން ނިންމާފައިވެ އެވެ.
ނަމަވެސް ރަންވޭ ބޮޑުކުރެވެން އޮތީ އެތަނުގެ އޮރިއެންޓޭޝަން ބަދަލުކޮށްގެން ކަމަށްވާތީ އެކަމަށް ހުރި އޮޕްޝަންސްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.
އާރްއޭސީން ބުނީ ފުވައްމުލަކު އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތުގެ ތެރެއިން، ޓޫރިޒަމްގެ ފެސިލިޓީތައް ވެސް ހިމެނޭހެން މުޅި އެއާޕޯޓުގެ މާސްޓަ ޕްލޭނެއް އެކުލަވާލަން ވެސް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެއާޕޯޓާ އިންވެގެން ހުރި ހުސްބިންތަކުން ޓޫރިޒަމަށް ގާތްގަނޑަކަށް 200 އެއްހާ އެނދު ނެރުމުގެ ފުރުސަތު އޮތް ކަމަށް އެ ކުންފުނިން ބުންޏެވެ.
ދެހާސް އެގާރައިގައި ތަރައްގީކޮށް ހުޅުވި އެއާޕޯޓް އިތުރަށް ތަރައްގީކުރާނީ ޖެޓްތަކަށް ޖެއްސޭ ފެންވަރަށެވެ. އަދި އެތަނުން ޖެޓް ފިއުލް ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާނެ އެވެ.