ބަންކަރިންގ އަކީ ބޯޓުފަހަރަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމާއި، ބޯޓު ޓޭންކްތަކަށް ތެޔޮ ލޯޑްކޮށް، ބެހުމެވެ. ބަންކަރިންގ ވިޔަފާރީގެ މުޢާމަލާތް ކުރާ މީހަކަށް “ބަންކަރު ވިޔަފާރިވެރިޔާ” ކިޔާއިރު، “ބަންކަރިންގ” މި ލަފުޒު އައިސްފައިވަނީ ކޯލާ ނުވަކަ ބޯޓު ދެލި ބޭނުން ކޮށްގެން ދަތުރުފަތުރު ކުރި ދުވަސްވަރުގައި، ކޯލާ ބަންކަރުތަކުގައި ރައްކާކުރާތީއެވެ.
81% ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ އެސްޓީއޯއިން ވަނީ ބަންކަރިންގ ޚިދުމަތް ދިނުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފަށްޓަވާނެކަމަށާއި މިޚިދުމަތުގެ ސަބަބުން ކުންފުނި އިތުރަށް ފުޅާވެގެން ދާނެކަމަށް ހާމަކުރައްވާފައެވެ. ކައިރި ސަރަޙައްދުތަކުން ދަތުރުކުރާ ބޯޓުފަހަރު، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަންގެ ބަންކަރުތަކުން ތެޔޮ ގަތުން ވެގެން ދާނީ މުޅި ރާއްޖޭގެ ވިޔަފާރި ސިނާއަތަށްވެސް އިތުރު ކުރިއެރުމަކަށެވެ.
ޑީސަލް، ޕެޓްރޯލް އަދި އޭވިއޭޝަން ފިއުލް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ އެސްޓީއޯއަށް މިހާރު ވަނީ، ބަންކަރިންގ ޚިދުމަތް ފެށުމުގެ ހުއްދަ ރަސްމީކޮށް ލިބިފައެވެ. މިކަމާ ގުޅިގެން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރާއްޖެއިން ބޭރަށް ތެޔޮ ރީ-އެކްސްޕޯޓް ކުރުމުގެ ފުރުޞަތުވެސް އެބައޮތްކަމަށެވެ.
1964 ވަނަ އަހަރު “އަތިރިމާފަންނު ޓްރޭޑިންގ އެކައުންޓް” ގެ ނަމުގައި ސަރުކާރުން ފެށި ކުންފުނި “އެސްޓީއޯ” އަށް ބަދަލުވެ، ބަވަނަވަމުން އައި ދުނިޔެއާއިއެކު މުދާ އެތެރެކުރުމުގެ ވިޔަފާރި ފުޅާކޮށްލިއެވެ. ފުރަތަމަ، ގެންނަމުން އައި މުދަލުގެ ޢަދަދު އިތުރުކުރީއެވެ. ދެން އިމާރާތް ކުރުމަށް ބޭނުންވާ ޒަމާނީ ތަކެއްޗެވެ. ގޭތެރޭގެ ސާމާނެވެ. މިހެން އައިސް މިއަދު މިފެންނަނީ އެސްޓީއޯއިން ސަރަހައްދީ ބޯޓުފަހަރަށް ތެޔޮ ވިއްކާނެ ދުވަހެވެ.