އުރީދޫ މޯލްޑިވްސް އިން މަނީގްރާމްއާ ގުޅިގެން އެ ކުންފުނީގެ އެމް-ފައިސާ އެޕް މެދުވެރިކޮށް ބޭރު ޤައުމުތަކަށް ފައިސާ ޓްރާންސްފާ ކުރެވޭނެ ގޮތް ހަދައިފި އެވެ. އެޕްބޭނުންކުރާ ފަރާތްތަކަށް ސީދާ ބޭންކް އެކައުންޓްތަކަށް، މޯބައިލް ވޮލެޓަށް ނުވަތަ މަނީގްރާމްގެ އޭޖެންޓުންނަށް ފައިސާ ފޮނުވޭނެއެވެ.
މި ރައްކާތެރި އަދި ފަސޭހަ ޚިދުމަތަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ރައްޔިތުންނާއި، ބިދޭސީންނަށް، ވިޔަފާރިވެރިންނާއި، ރައްކާތެރިކަމާއި ފަސޭހަކަމާއިއެކު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ތައާރަފްކުރެވުނު ހިދުމަތެކެވެ. އުރީދޫގެ ސީއީސޯ ހާލިދް އަލް ހަމާދީ ވިދާޅުވީ މަނީގްރާމްފަދަ ތަޖުރިބާކާރު ކުންފުންޏަކާއި އެކު ޕާރޓްނަރޝިޕް ހެދުމުން ކަސްޓަމަރުންނަށް އެންމެ ފައްކާ ތަޖްރިބާ ލިބި އެމީހުންގެ އިތުބާރު އެމްފައިސާއަށް ލިބިގެންދާނޭކަމަށެވެ. އެމް-ފައިސާއިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފައިސާ ދެއްކުމަށް ވެސް މަގުފަހިކޮށްދެ އެވެ. އެޕް މެދުވެރިކޮށް އެމް-މަނީ އެކައުންޓެއް ހުޅުވައިގެން މާލީ ގޮތުން އެއްވެސް ދަތިކަމެއް ނެތި ތަޖުރިބާ ކުރެވޭނެ އެވެ.