ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ތައާރަފުކުރި ޑޮލަރު ޑެބިޓް ކާޑު ޕްރޮމޯޝަނާއެކު ސޯޝަލް މީޑިއާގައި ބޭންކަށް އަމާޒުވާ ފާޑުކިޔުންތައް މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. ކޮންމެ ހަފުތާއަކު އެއްހާސް ޑޮލަރުގެ އިނާމެއް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މި ހަރަކާތަކީ، އާންމުން ސިފަކުރާ ގޮތުގައި ބޭންކުން ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ހިންގާ “ދަށު ދަރަޖައިގެ” އޮޅުވާލުމެކެވެ. ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތްކުރުން ލިމިޓްކޮށް، ރައްޔިތުން ބޭރުގެ މުއާމަލާތްތައް ނުކުރެވި ގޮތް ހުސްވެފައިވާ ދަނޑިވަޅެއްގައި މިފަދަ ޕްރޮމޯޝަނެއް ހިންގުމަކީ ބޭންކުން ރައްޔިތުންނަށް ކުރި މަލާމާތެކެވެ.
ބޭންކުގައި ޑޮލަރު ނެތް ކަމަށް ބުނެ ރައްޔިތުންނަށް ދޭ ޚިދުމަތްތައް ހަނިކުރުމަށްފަހު، އަލަށް ހައްދާ ޑޮލަރު ކާޑުތަކުން މަދުވެގެން ސަތޭކަ ޑޮލަރު ޚަރަދުކުރަން މަޖުބޫރުކުރުވުމަކީ ބޮޑު ސުވާލެކެވެ. ރާއްޖޭގެ ބޭންކިން ނިޒާމުން ރަސްމީ ރޭޓުގައި އާންމު މީހާއަށް ޑޮލަރު ލިބެން ނެތްއިރު، ބޭންކުން މި އުންމީދު ކުރަނީ ރައްޔިތުން ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަނެގެން އެކައުންޓަށް ޖަމާކޮށް، ބޭންކުގެ މުއާމަލާތްތައް ކުރިއެރުވުމަށެވެ. ބޭންކުން އަމިއްލައަށް ކުރަންޖެހޭ ޑޮލަރު ހޯދުމުގެ މަސައްކަތް ރައްޔިތުންގެ ބޮލުގައި އަޅުވައި، ކަޅު ބާޒާރުގެ ވިޔަފާރި ދިރުވަން ބޭންކުން ހިތްވަރުދޭ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.
މި ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކު ދޭން ނިންމާފައިވާ އެއްހާސް ޑޮލަރުގެ އިނާމަކީ ވެސް އާންމުންގެ ނުރުހުން އިތުރުވި ކަމެކެވެ. ރައްޔިތުން އަތުން ކަޅު ބާޒާރުގެ އަގުގައި ޑޮލަރު ހޯދުވުމަށްފަހު، އޭގެ ތެރެއިން ކުޑަ މިންވަރެއް އިނާމެއްގެ ގޮތުގައި ދައްކައިގެން ކަސްޓަމަރުންގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަނީ ކަމަށް ސޯޝަލް މީޑިއާގައި މީހުން ދަނީ ބުނަމުންނެވެ. ބޭންކުން ބޭނުންވަނީ ރައްޔިތުން ބޮޑު އަގުގައި ހޯދާ ޑޮލަރު ބޭންކަށް ޖަމާކުރުމަށެވެ.
ބޭންކުގެ މި ފިޔަވަޅުތަކަކީ މާލީ ހާލަތު ރަނގަޅުކުރަން ކުރާ ކަމެއް ކަމަށް ބޭންކުން ބުނި ނަމަވެސް، މިއީ ރައްޔިތުންނަށް ޖެއްސުންކޮށް، ކަޅު ބާޒާރުގެ މަޅީގައި ރައްޔިތުން ޖެއްސުމަށް ހިންގާ އުކުޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. ގައުމީ ބޭންކުގެ މިކަހަލަ ގިނަ ނިންމުންތަކާއެކު ބޭންކަށް އޮތް އިތުބާރު މުޅިން ގެއްލެމުން ދާކަން މިދަނީ ހާމަވަމުންނެވެ.