މިދުވަސްވަރު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވަނީ އެމެރިކާއާއި މެކްސިކޯ އަދި ކެނެޑާގައި ކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތަށޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. އުމުރުން ދުވަސް ވިޔަސް ދޫދިނުމެެއްނެތި އުފަން ޤައުމަށް ތަށި ހޯދައިދިނުމަށާއި ޖާނާއި މާލުން ގުރުބާންވާ ސަޕޯޓަރުން އުފާވާނެ އަދި ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ރެކޯޑްތަކެއް ހެދުމަށް މަޝްހޫރު ބައެއް ކުޅުންތެރިން މަސައްކަތް ކުރަމުންދާއިރު އުއްމީދުން ފުރިފައިވާ ޒުވާން ކުޅުންތެރިންގެ ހުނަރާއި މުޅިން އަލަށް މިމުބާރާތުގައި ވާދަކުރާ ޓީމްތަކުގެ ޖާދުލަކީ މިފަހަރުގެ މުބާރާތް ހާއްސަވާ ސަބަބުތަކެވެ. އޭގެ ތެރެއިންވެސް އެންމެ ގިނަ ބަޔަކު ސަމާލުކަން ހުއްޓިފައިވަނީ މިހާރުވެސް އެތައް ރެކޯޑްތަކެއް އޮންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާއި ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކަމާމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. އަދި ހަމަ އެހެނެމެ ފްރާންސްގެ އިތުބާރު ފޯވާޑް ކީލިއަން އެމްބާޕޭއާއި ސްޕެއިން ޒުވާން ފޯވާޑް ލަމީން ޔަމާލް އަދި ބްރެޒިލް ތަރި ވިނީޝަސް ޖޫނިއަރ ފަދަ ކުޅުންތެރިން މިފަހަރުގެ މުބާރާތުގައި ގިނަ ރެކޯޑްތަކެއް ހަދާނެ ކަމަށް ބުނާމީހުން ވެސް މަދެއް ނޫނެވެ. ނަމަވެސް މިފަހަރުގެ މުބާރާތުގައި އަދި މިހާތަނަށް ރެކޯޑެއް ހެދީ ދުނިޔޭގެ ތާރީޚް ދުއް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އެއްބަސްވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެކަންޏެވެ. އެގޮތުން ޖުމްލަ 16 ލަނޑާއެކު ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ލަގަބް އޮތް ޖަރުމަނުގެ މިރޮސްލާވް ކްލޯސާއަށްވުރެ އިތުރަށް ދެ ލަނޑުޖަހާ ޖުމްލަ 18 ލަނޑާއެކު މެސީ ވަނީ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ފަހުރުވެރި ރެކޯޑް މުގުރާލާފައެވެ. ނަމަވެސް މިފަހަރުގެ މުބާރާތުގައި ވިދުން ގަދަ ތަރިންގެ ތެރޭގައި ފާހަގަ ކޮށްލެވޭ ފްރާންސް ފޯވާޑް އެމްބާޕޭގެ ލަނޑޫޖެހުމުގެ ރޭޓަށް ބަލާއިރު ވޯލްޑް ކަޕްގެ 6 މުބާރާތުން މެސީ ހެދި ރެކޯޑް ވަގުތީ އުފާވެރިކަމަކަށް ބަދަލުކޮށްލާ 3 މުބާރާތުން އެމްބާޕޭ ރެކޯޑް ހަދާފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ގޯލް ރެކޯޑް އޮތް މެސީއާއި ރެކޯޑް އަތުލައި ގަންނާނެ އެމްބާޕޭ
މިއީ ގިނަ ބަޔަކު ފުޓްބޯޅަ ކިންގ ކަމަށް ގަބޫލްކުރާ މެސީ ވޯލްޑް ކަޕްގައި ވާދަކުރާ 6 ވަނަ ފަހަރު، ނަމަވެސް އެމްބާޕޭ ވާދަކުރާ 3 ވަނަ މުބާރާތެވެ.
މެސީ ވޯލްޑް ކަޕް ޓޮޕް ސްކޯރާގެ ރެކޯޑް ހެދުމަށް 18 ލަނޑު ހަމަކުރީ 24 އަހަރުގެ ދިގު މުއްދަތަކުން ނަމަވެސް 3 ލަނޑުގެ ކުޑަ ތަފާތަކާއެކު ފަހަތުގައި ވިއްދާފައިވާ އެމްބާޕޭ 15 ލަނޑު ހަމަކުރީ އެންމެ 12 އަހަރެވެ.
އެންމެ ގިނަ ލަނޑުޖެހި ރެކޯޑް އެމްބާޕޭ މުގުރާލާނެ ކަމަށް ބެލެވޭ ސަބަބުތައް
މިއީ އެމްބާޕޭއަށް ކުރެވޭނެ ކަމެއްތޯ އުފެދޭ ސުވާލެއް ނޫނެވެ. މިއީ އޭނާއެކަން ކުރާނީ ކޮން އިރަކުންތޯ ކުރެވޭ ސުވާލެކެވެ.
- އުމުރުގެ ފައިދާ: އުމުރުން 39 އަހަރުގެ މެސީ މިހާރު ކުޅެމުންދަނީ އޭނާގެ ފަހު ވޯލްޑް ކަޕެވެ. އެކަމަކު 27 އަހަރުގެ އެމްބާޕޭ ހުރީ އޭނާގެ ކެރިއަރުގެ އެންމެ ވަރުގަދަ ދުވަސްވަރުގައެވެ. އަނިޔާގެ މައްސަލައެއް ދިމާނުވެއްޖެނަމަ، 2030 އަދި 2034 ގެ ވޯލްޑް ކަޕްގައިވެސް އޭނާ ފެންނާނެއެވެ.
- މުބާރާތް ބޮޑުވުން: 48 ޓީމާއެކު ވޯލްޑް ކަޕް ބޮޑުވުމުން، ގުރޫޕް ސްޓޭޖުގައި ބަލިކަށި ޓީމުތަކާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ބޮޑުވެ، މެޗުތައް ގިނަވެގެންދާނެއެވެ. މިއީ އެމްބާޕޭއަށް ލަނޑުތައް އިތުރުކުރަން ލިބޭ ރަނުގެ ފުރުސަތެކެވެ.
- ފްރާންސްގެ ވަރުގަދަ ޓީމު: ފްރާންސް އަކީ އަބަދުވެސް ޒުވާން، މޮޅެތި ކުޅުންތެރިން އުފައްދާ ގައުމެކެވެ. އެހެންކަމުން މުބާރާތުގެ ފަހު ބުރުތަކަށް ފްރާންސް ދަތުރުކުރުމުގެ ފުރުސަތު ބޮޑެވެ.
ނިންމުން
މެސީގެ މި ރެކޯޑަކީ ކިތަންމެ ރީތި ކާމިޔާބީއަކަށް ވިޔަސް، އޭނާގެ އަތުން މި ތާޖު ވަރަށް އަވަހަށް ބީވެ ދިއުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. ޔަގީނުންވެސް އެނގޭ ކަމަކީ މިފަހަރުގެ މުބާރާތްުގައި އެމްބާޕޭއަށް މެސީގެ ރެކޯޑް މުގުރައި ނުލެވުނު ނަމަވެސް 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެކަން ކުރުމުގެ ފުރުސަތު އެމްބާޕޭއަށް އޮތް ކަމެވެ.
އެމްބާޕޭ މެސީގެ ރެކޯޑު އަތުލި ކަމުގައިވިޔަސް، މެސީ ފުޓްބޯޅައަށް ދޫކޮށްލި ތާރީޚީ ހަނދާންތަކާއި އޭނާގެ މޮޅު ކުޅުން ފުޓްބޯޅައަށް ލޯބިކުރާ މީހުންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ.