މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ 45 ވަނަ އަހަރީ ދުވަހާ ދިމާކޮށް ބާއްވާ “މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026” ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ. ނުވަ އަހަރުގެ މެދުކެނޑުމަކަށް ފަހު އެނބުރި އައި މި އެކްސްޕޯ ކުރިއަށް ދަނީ މި ޖުލައި މަހުގެ 2 އިން 4 ގެ ނިޔަލަށެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާގެ ހުރިހާ މުހިންމު ހިއްސާދާރުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވާ ގޮތަށް ބާއްވާ ވަރަށް މުހިންމު ހަރަކާތެކެވެ. މިއަހަރުގެ އެކްސްޕޯގެ ޝިއާރަކީ “އެމްޕަވަރިން ސަސްޓެއިނަބަލް ފިއުޗާސް: އިންކްލޫޝަން، އިނޮވޭޝަން، އެންޑް އިންޓެލިޖަންސް” އެވެ.
މި ފަހަރުގެ އެކްސްޕޯގައި ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، މާލީ ހިދުމަތްދޭ އިދާރާތަކާއި، ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ އިތުރުން ފިންޓެކް ދާއިރާ ހިމެނޭހެން ޖުމްލަ 38 އެގްޒިބިޓަރުން ބައިވެރިވެއެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ އާންމުންގެ މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، ރާއްޖޭގެ މާލީ ދާއިރާއަށް ތައާރަފްވަމުންދާ އާ ޓެކްނޮލޮޖީތަކާއި ހިދުމަތްތައް ދައްކާލުމެވެ. މީގެ އިތުރުން މާލީ މުއައްސަސާތަކުން ދޭ ހިދުމަތްތަކާ ގުޅޭގޮތުން އާންމުންނަށް ބޭނުންވާ މައުލޫމާތު ސީދާ އެ ފަރާތްތަކާ ބައްދަލުކޮށް ސާފުކުރުމުގެ ފުރުސަތު ވެސް މި އެކްސްޕޯގެ ތެރެއިން ވަނީ ފަހިކޮށްދީފައެވެ.
އެކްސްޕޯ ކުރިއަށްދާ ދުވަސްތަކުގައި މާލީ ދާއިރާގެ މާހިރުންގެ މެދުގައި ބާއްވާ ޕެނަލް ޑިސްކަޝަންތަކާއި، އާންމުންނަށް ހުޅުވާލެވިފައިވާ މަސައްކަތު ބައްދަލުވުންތަކުގެ އިތުރުން އެކި މުއައްސަސާތަކުގެ އާ ހިދުމަތްތަކާއި ޕްރޮގްރާމްތައް ލޯންޗުކުރުން ވެސް ކުރިއަށްދެއެވެ. އަދި މި ހަރަކާތަކީ އާއިލާތަކަށް ވެސް ހިތްފަސޭހަ މާހައުލެއްގައި ބައިވެރިވެވޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ އެކްސްޕޯއެކެވެ. އެގޮތުން ކުޑަކުދިންގެ ހަވީރަކާއި، މިއުޒިކީ ހަރަކާތްތަކުގެ އިތުރުން ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްއިން ހުށަހަޅާފައިވާ 25،000 ރުފިޔާގެ ފައިސާގެ އިނާމާއި، އެމްއެމްއޭއިން ހުށަހަޅާފައިވާ އައިޕޭޑްތަކުގެ އިތުރުން ހާއްސަ ހަނދާނީ ނޫޓުތައް ވެސް ހިމެނެއެވެ. މިއީ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކޮށް، އިގްތިސާދީ ދާއިރާއަށް އާންމުން އަހުލުވެރިކުރުވުމަށް އެމްއެމްއޭއިން ކުރިއަށްގެންދާ ވަރަށް ކާމިޔާބު ހަރަކާތެކެވެ.