ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ފަތުޙުالله ޖަމީލް ބިލްޑިންގާ (ފޮރިން މިނިސްޓްރީ) ހަމައަށް ތާރުއަޅާ ނިންމާލައިފިއެވެ.
މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ދަށުން، ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ޢިއްޒުއްދީން ފާލަމާ ހަމައަށް މަގު ފުޅާކުރުމާއި، މޫދުން ބައެއް ނަގައި ޝީޓް ޕައިލް ކުރުމުގެ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ މުޅިން ފުރިހަމަކޮށްފައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބާރުމިނުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިހާރު އެ ސަރަހައްދުގައި ސަބް-ބޭސް އެޅުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ބައެއް ސެގްމަންޓުތަކުގައި ތާރުއެޅުމުގެ ބޮޑު ބައެއް ވަނީ ނިންމާލާފައެވެ. އެގޮތުން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ފަތުޙުالله ޖަމީލް ބިލްޑިިންގާ ހަމައަށް ތާރުއެޅުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މާލޭގެ މަގުތަކުގެ ޓްރެފިކް މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ފަށާފައިވާ މި މަޝްރޫޢުގެ ދަށުން، ފަތުޙުالله ޖަމީލް ބިލްޑިންގުން ފެށިގެން އިއްޒަތްދީން ފާލަމާ ހަމައަށް އޮތް ބައިގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީގެ އަމާޒަކީ މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ބޮޑުތަކުރުފާނު މަގުގެ މި ސަރަހައްދުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމައި، އާންމު ދަތުރުފަތުރަށް މަގު ހުޅުވާލުމެވެ.