ސްމާޓް އައިނާއި ޕްރޮޖެކްޝަން ޓެކްނޮލޮޖީ މިހާރު ވަނީ އާދަޔާ ހިލާފު ބޮޑު ބަދަލަކާ ދިމާއަށް މިސްރާބު ޖަހާފައެވެ. ކުރީގެ ބަރު އަދި ބޮޑެތި ޑިޒައިންތައް ދޫކޮށް، މިހާރުގެ އުފެއްދުންތައް ބިނާވަނީ އާންމުކޮށް އަޅާ އައިނާ އެއްގޮތް، ލުއި އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން ބާރުދޭ ނިޒާމުތަކެއްގެ މައްޗަށެވެ. މީގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ސްމާޓް އައިނުގެ މަގުބޫލުކަން ހަލުވިކަމާއެކު އިތުރުވަމުންދާއިރު، ބާޒާރުގެ ބޮޑުބައެއް ހިއްސާކުރަނީ ހަމައެކަނި އަޑާއި ކެމެރާ އެކުލެވޭ އައިނުތަކާއި، ލޮލުގެ ކުރިމައްޗަށް ސްކްރީން ޕްރޮޖެކްޓް ކޮށްދޭ ތަމްސީލީ އައިނުތަކެވެ. މީގެ ތެރެއިން ވެސް ޕްރޮޖެކްޝަން އައިނުތަކަކީ ޓެކްނޮލޮޖީގެ ގޮތުން އެންމެ ފާހަގަކޮށްލެވޭ ކުރިއެރުންތައް ހޯދަމުންދާ ދާއިރާއެވެ.
ލޭޒާ ޕްރޮޖެކްޝަނާއި އޮޕްޓިކްސްގެ ކުރިއެރުންތައް
މިހާރުގެ ސްމާޓް އައިނުތަކުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ލޭޒާ ބީމް ސްކޭނިން (އެލްބީއެސް) އާއި ރެޓިނަލް ޕްރޮޖެކްޝަން ޓެކްނޮލޮޖީއެވެ. މިއީ ބޭރުން ފެންނަ ބޮޑު ސްކްރީނެއްގެ ބަދަލުގައި، އައިނުގެ ފްރޭމްގެ ތެރެއިން ސީދާ އިންސާނާގެ ލޮލުގެ ކަޅީގެ ތެރެއަށް (ރެޓިނާއަށް) މައިކްރޯ ލޭޒާގެ އެހީގައި މަންޒަރު ފޮނުވައިދޭ ނިޒާމެކެވެ. މީގެ ސަބަބުން ބޭނުންކުރާ ލެންސް ކިތަންމެ ކުޑަ ނަމަވެސް، ލޮލުގެ ކުރިމަތިން ފެންނަ ޑިިޖިޓަލް ސްކްރީންގެ ސާފުކަން ދަށްނުވެ ހުރެއެވެ.
މިއާއެކު ބޭނުންކުރާ މައިކްރޯއެލްއީޑީ އަދި ވޭވްގައިޑް ލެންސްތަކުގެ ސަބަބުން، ޕްރޮޖެކްޝަންގެ ބްރައިޓްނަސް ނުވަތަ އަލިގަދަމިން ވަނީ އެތައް ހާސް ނިޓްސްއަކަށް މަތިކުރެވިފައެވެ. ަނަތީޖާއެއްގެ ގޮތުން މެންދުރުގެ އިރުގެ ގަދަ އަލީގެ ތެރޭގައި ހުންނައިރު ވެސް، ސްކްރީނުން ފެންނަ ލިޔުންތަކާއި މަގުދައްކާ މެޕްތައް އެއްވެސް ފުސްކަމެއް ނެތި ސާފުކޮށް ފެންނަން ހުރެއެވެ. އައިނުގެ ބިއްލޫރިގަނޑު އެތެރޭގައި ހުންނަ ނެެނޯ-ސްޓްރަކްޗާ ތަކުން އަލި ދަތުރުކުރާ މަގު ބަދަލުކޮށްލަނީ އާންމު އައިނެއްގެ ބޯމިނުގައެވެ. މިއީ ކުރީގެ މޮޑެލްތަކުގައި ހުރި ބޮޑެތި ޕްރިޒަމްތަކާއި ބަރު ބިއްލޫރިގަނޑުތަކާ އަޅާބަލާއިރު ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ސަބަބަށްޓަކައި އައިނު އަޅައިގެން ހުންނައިރު ބޭރުން ބަލާ މީހަކަށް އެއީ ސްމާޓް އައިނެއްކަން ވަކިކުރަން ވެސް އުނދަގޫވެއެވެ. އައިނުގެ ބަރުދަން 150 ގްރާމަށް ވުރެ ލުއިކޮށް ހިފެހެއްޓޭއިރު، ބެޓެރީގެ ދިރުން ވަނީ 5 ގަޑިއިރާއި 8 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ދިގުދައްމާލެވިފައެވެ. ފްރޭމްގެ ތެރޭގައި ބެޓެރީ އާއި ޗިޕްސެޓްތައް ވަރަށް ބެލެންސްކޮށް ބަހާލެވިފައި ހުރުމުގެ ސަބަބުން، އައިނު ބޭނުންކުރާއިރު ހޫނުވުމުގެ މައްސަލަ ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ހައްލުކުރެވިފައެވެ.
އާންމު ދިރިއުޅުމާއި މަސައްކަތުގެ މާހައުލަށް އަންނަ ބަދަލުތައް
މި ޕްރޮޖެކްޝަންގެ އެހީގައި އުފެދޭ ވިޝުއަލް ސްކްރީންތަކަކީ ހަމައެކަނި ލޮލަށް ފެންނަ އެއްޗެއްގެ ބަދަލުގައި، މީހާ ހުންނަ މާހައުލާ ގުޅިފައިވާ އެއްޗެހިތަކެކެވެ. އައިނުގައި ހުންނަ ސެންސަރުތަކުން މީހާ ބޯ އަނބުރާލާ ގޮތް ދެނެގަނެ، ލޮލުގެ ކުރިމަތިން ފެންނަ ސްކްރީންތައް ޖައްވުގެ ތެރޭގައި އެއް ތަނެއްގައި ހަރުލާފައި ހުންނަ ގޮތަށް ސޮފްޓްވެއާގެ އެހީގައި ހިފަހައްޓައިދެއެވެ. އެހެންކަމުން މޭޒުމަތީގައި ބަހައްޓާފައި ހުންނަ ބޮޑު ކޮމްޕިއުޓަރު މޮނިޓަރެއްގެ ބަދަލުގައި، ހަމައެކަނި މި އައިނު އަޅައިގެން އިނދެ ވައިގެ ތެރޭގައި ގިނަ ސްކްރީންތަކެއް ހުޅުވައިގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބެއެވެ.
މީގެ އިތުރުން މީހުން ދައްކާ ބޭރު ބަސްބަސް ވަގުތުން ތަރުޖަމާކޮށް ލޮލުގެ ކުރިމަތީގައި ސަބްޓައިޓަލްސްގެ ގޮތުގައި ދެއްކުމާއި، މަގުމަތިން ފެންނަ ތަންތަނާއި އެއްޗެހީގެ މައުލޫމާތު އޭއައި މެދުވެރިކޮށް ވަގުތުން ދެނެގަތުން ހިމެނެއެވެ. ވިޔަފާރިތަކާއި ސިއްހީ ދާއިރާގައި ވެސް މީގެ ބޭނުން ބޮޑެވެ. ހާއްސަކޮށް މެނުފެކްޗަރިން މަސައްކަތްތަކުގައްޔާއި އޮޕަރޭޝަން ތިއޭޓަރުތަކުގައި ޑޮކްޓަރުންނަށް ބޭނުންވާ މައުލޫމާތު ވަގުތުން ލޮލުގެ ކުރިމާޗަށް ޕްރޮޖެކްޓް ކޮށްދިނުމަށް މި ޓެކްނޮލޮޖީ ބޭނުންކުރެއެވެ. މެޓާ، ގޫގުލް، އެކްސްރިއަލް، އަދި ރޭނިއޯ ފަދަ ބޮޑެތި ކުންފުނިތަކުން މިހާރު ދަނީ ފޯނުތަކުގެ ބަދަލުގައި ދިރިއުޅުމުގެ ބައެއްގެ ގޮތުގައި މިފަދަ އައިނުތައް ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންނަމަވެސް، އަދިވެސް އައިނުގެ އަގުބޮޑުވުމާއި، ނަންބަރު އައިނު ގެންގުޅޭ މީހުންނަށް މި ޓެކްނޮލޮޖީ ގުޅުވާލުމުގައި ހުރި ހުރަސްތަކަކީ މި ދާއިރާ ކުރިއެރުމަށް ހުރި މައިގަނޑު ގޮންޖެހުންތަކެވެ.