ރާއްޖޭގައި، ހާއްސަކޮށް މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ކޮންމެ ފަހަރަކު ފުލުހުންގެ މީޑިއާ ގްރޫޕްތަކުންނާއި ނޫސްތަކުން ފެންނަ އާންމު ޖުމްލައަކީ “މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން” މިއެވެ. ނަމަވެސް، ކޮންމެ ބޮޑު އެކްސިޑެންޓަކަށްފަހު ހަމައެކަނި ތަހުގީގެއް ފެށުމުން އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބޭތޯއެވެ؟ ޖަވާބަކީ ނޫނެކެވެ. މިއީ ހަމައެކަނި ތަހުގީގަކުން ނިންމާލެވޭވަރަށްވުރެ މާ ބޮޑު، އާންމުންގެ ފުރާނައާ ގުޅިފައިވާ އިޖުތިމާއީ ބޮޑު މައްސަލައެކެވެ.
އެކްސިޑެންޓެއް ހިނގުމުން ތަހުގީގު ކުރުމަކީ ހާދިސާ ހިނގި ފަހުން ކުރެވޭ ކަމެކެވެ. ނަމަވެސް އާންމުން މިއަދު އެދެނީ އެކްސިޑެންޓް ހިނގުމުގެ ކުރިން އެކަންކަން ހުއްޓުވުމަށް އަމަލީ ފިޔަވަޅުތަކެއް އަޅުއްވައިދިނުމަށެވެ. ބްރިޖާއި ހައިވޭއަކީ ރޭސިން ކާރުތަކާއި ބާރު މޮޓޯބައިކްތައް ގަވާއިދާ ހިލާފަށް ބާރު ސްޕީޑުގައި ދުއްވާ އަދި ރޭސްޖަހާ އައްޑާއަކަށް ވެފައިވާއިރު، އެފަދަ ނުރައްކާތެރި އަމަލުތައް ހުއްޓުވަން ދުރާލާ ފިޔަވަޅު ނޭޅެނީ ކީއްވެގެންތޯ އާންމުން ސުވާލުކުރެއެވެ. ސްޕީޑް ކެމެރާތައް ހުރުމާއި، ފުލުހުންގެ ޕެޓްރޯލްތައް އުޅުމަކުން އެކަނި ނުރައްކާތެރި ދުއްވުންތައް ނުހުއްޓުވޭކަން މިވަނީ ސާބިތުވެފައެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ހަމައެކަނި ތަހުގީގީ ބަޔާނަކުން ނިންމާނުލައި، ވަށައިޖެހޭ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.
ގަވާއިދާ ހިލާފަށް ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވައި، ލައިސަންސް ހިފެހެއްޓުމާއި ބޮޑެތި ޖޫރިމަނާތައް އަމަލީގޮތުން ތަންފީޒުކުރުމާއި ހައިވޭތަކުގައި ސްޕީޑް ކޮންޓްރޯލް ކުރެވޭނެ އިންޖިނިއަރިންގް ހައްލުތަކާއި އިތުރު ކެމެރާތައް ހަރުކުރުމާއި އާންމުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ދުއްވާ ފަރާތްތަކަށް ދެވޭ އަދަބުތައް ބޮޑުކޮށް، ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި އެކަންކަން ހިމެނުން އަދި މަގުމަތީގެ ރައްކާތެރިކަމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަން އަންގައިދޭ އިޖުތިމާއީ ކެމްޕޭންތައް މުޅި މުޖުތަމައުގައި ހިންގުން މުހިންމެވެ.
އެކްސިޑެންޓެއް ހިނގުމުން “ތަހުގީގު ކުރަނީ” އޭ ބުނެލާ ބުނެލުމަކުން މަގުމަތީގައި ދުއްވާ އެހެން އުޅަނދުތަކާއި ހިނގާބިނގާވެ އުޅޭ އާންމު ރައްޔިތުންގެ ފުރާނައެއް ރައްކާތެރިއެއް ނުކުރެވޭނެއެވެ. ބޭނުންވަނީ ނުރައްކާ ދުރާލާ ހުއްޓުވޭނެ ފަދަ ހަރުދަނާ، އަމަލީ އަދި ނަތީޖާ ފެންނަފަދަ ފިޔަވަޅުތަކެކެވެ.