2024 އަހަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 34 ބިލިއަން ރުފިޔާ ލިބި ހަރަދު 48 ބިލިއަން ރުފިޔާއަށް އެރި ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރު ނިމުނުއިރު ޑެފިސިޓް ހުރީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 13މަރު ޕަސެންޓުގަ އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ އާމްދަނީގެ 76 ޕަސެންޓަކީ ޓެކްސް އިން ލިބުނު އާމްދަނީ އެވެ. އެއީ ގާތްގަނޑަކަށް 26 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ހިލޭ އެހީގެ ގޮތުގައި ލިބުނީ 658 މިލިއަން ރުފިޔާ އެވެ. އެއީ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރި އަދަދަށް ވުރެ 44 ޕަސެންޓު ދަށް އަދަދެކެވެ. ހިލޭ އެހީގެ ގޮތުގައި މިދިޔަ އަހަރުގެ ބަޖެޓުގައި ލިބޭނެ ކަމަށް ލަފާ ކުރީ 1.5 ބިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރު ކުރި ހަރަދުގެ 70 ޕަސެންޓު ހޭދަކުރީ، ދައުލަތުގެ އޮފީސްތައް ހިންގުމަށާއި މުސާރަ ދިނުމަށެވެ. އެކަމަށް ވަނީ 34 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ކެޕިޓަލް ނުވަތަ މަޝްރޫއުތަކަށް ހޭދަކުރީ، 15 ބިލިއަން ރުފިޔާ އެކެވެ. އެއީ ބަޖެޓުގައި ޖެހި އަދަދަށް ވުރެ އެއް ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.
މިދިޔަ އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް ވަނީ 11 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އަދި ލޯނުތައް ދެއްކުމަށް ވަނީ 2.3 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.