އެސްޓީއޯ އިން ބަންކަރިން މަޝްރޫޢު ހިންގުމަށް ޙަވާލުކުރީ ދުނިޔޭގެ ހަކަތައިގެ އެންމެ ބޮޑު އަމިއްލަ ކުންފުނި ވިޓޯލްއާއެވެ. އިހަވަންދިއްޕޮޅުގައި ހަދާ މި ބައިނަލްއަޤްވާމީ ބަންކަރިންގ މަޝްރޫޢު ހެދުމުގެ އެއްބަސްވުމުގައި މިއަދުވަނީ ދެކުންފުނީގެ ފަރާތުން ސޮއިކޮށްފައެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެސްޓީއޯގެ އެމްޑީ ވިދާޅުވީ މިއީ ކުންފުންޏަށް އާމްދަނީއާއި ފައިދާ އިތުރުކުރުމުގެ ފަހި ފުރުސަތެއްކަމުގައެވެ. މީގެ ސަބަބުން ބޭޜުފައިސާއާއި ޓެކްސް އިތުރުވެ އިތުރު ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެގެންދާނެކަމުގައެވެ.
ވިޓޯލްގެ އެމްޑީ ވިދާޅުވީ މިބޮޑު ޕްރޮޖެކްޓަކީ ދެކުންފުނި ގުޅިގެން ހިންގަން އެންމެ ރަނގަޅު ޕްރޮޖެކްޓްކަމުގައެވެ. އޭނާ ވިދާޅުވިގޮތުގައި އިހަވަންދިއްޕޮޅަކީ ބަންކަރިންގ އަށް އެންމެ ފުރިހަމަ ސަރަޙައްދު ކަމުގައެވެ. ބޮޑެތި އުޅަނދުތައް ވަރަށްގިނައިން ދަތުރުކުރާ ސަރަހައްދަކަށްވުމުން މިއީ މަގުބޫލު ތަނަކަށްވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމުގައެވެ.
އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300އަށްވުރެ ގިނަ އާގުބޯޓު ދަތުރުކުރެއެވެ. އަދި މިފަދަ ޚިދުމަތެއްދޭނެ ގިނަގޮތްތަކެއް އެސަރަޙައްދަކުނުވެއެވެ. ނިމުނު ސަރުކާރުންވެސް ހަމަ މިޚިދުމަތް އިހަވަންދިއްޕޮޅުގައި ދިނުމަށް މަސައްކަތްކޮށް ގަތަރުގެ އާބަކޮން ޓްރޭޑިންގ އެންޑް ކޮންޓރެކްޓިންގ އާއި ޙަވާލުކުރިއެވެ. އެހެންނަމަވެސް އެސްޓީއޯއިން މަޢުލޫމާތު ދޭ ގޮތުގައި އެއްބަސްވުންވަނީ ފެބްރުއަރީ މަހުގެ ނިޔަލަށް ހަމަވެފައެވެ.