ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ މުބާރާތް ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)، ފުރަތަމަ ފަހަރަށް އެއް ރަށް ހިމެނޭ ހަމައެކަނި އަތޮޅު ކަމުގައިވާ ފުވައްމުލައް ސިޓީގައި ބޭއްވުމަށް ނިންމައި، މިއަދު އެކަން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ބާއްވާ މި ތާރީޚީ ދުވުމުގެ މުބާރާތް، “ދިރާގު ފުވައްމުލައް ރަން” ގެ ނަމުގައި މިއަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދިރާގު ފުވައްމުލައް ރަން ތަޢާރަފުކުރުމަށް މިއަދު ފުވައްމުލަކު ސިޓީގައި ބޭއްވުނު ޚާއްޞا ރަސްމިއްޔާތުގައި ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރ އަލީ ރިޔާޒް ވިދާޅުވީ، މިއީ ޑީއެމްއާރްއާރްގެ ދަށުން މާލެއިން ބޭރުގައި ބާއްވާ ފުރަތަމަ ދުވުމުގެ މުބާރާތް ކަމަށްވާތީ، މިއީ ޑީއެމްއާރްއާރްއަށް ލިބިގެންދާ އިތުރު ކުރިއެރުމެއް ކަމުގައެވެ.
“ފުވައްމުލަކުގެ ޚާއްޞަ ޤުދުރަތީ މަންޒަރުތަކާއި، ކުލަގަދަ ޘަޤާފަތާއި، ހޫނު މެހެމާންދާރީ ތަޖުރިބާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ އިތުރުން، ބައިނަލްއަޤްވާމީ ފެންވަރުގައި ޤަބޫލުކުރެވޭ މަގެއްގައި ދުވުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެކެވެ. މީގެ އިތުރުން މި އިވެންޓުގެ ސަބަބުން ފުވައްމުލަކަކީ ދުވުންތެރިންނަށް ޚާއްޞަ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރުވެގެންދާނެ ކަމަށް އުންމީދުކުރަމެވެ،” ރިޔާޒް ވިދާޅުވިއެވެ.
ފުވައްމުލަކުގެ މޭޔަރު އިސްމާޢީލް ރަފީޤު ވިދާޅުވީ، ދިރާގުން ފުވައްމުލަކުގައި މި ދުވުމުގެ މުބާރާތް ބޭއްވުމަކީ އެ ރަށަށް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއް ކަމުގައެވެ. މި އިވެންޓުގެ ސަބަބުން ފުވައްމުލަކުގެ ރީތިކަން މުޅި ދުނިޔެއަށް ދައްކާލުމުގެ ފުރުޞަތު ލިބި، ފުވައްމުލަކަކީ ދިވެހި އަދި ބައިނަލްއަޤްވާމީ ދުވުންތެރިންނަށް އެކަށޭނަ މަންޒިލެއްގެ ގޮތުގައި ފާހަގަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
“އެހެންކަމުން، ރާއްޖެ އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ދުވުންތެރިން ‘ދިރާގު ފުވައްމުލައް ރަން’ ގައި ބައިވެރިވެ، މި ރަށުގެ ޤުދުރަތީ ރީތިކަން ތަޖުރިބާކޮށްލުމަށް ދަޢުވަތު އަރުވަމެވެ. އަޅުގަނޑުމެން މި ތިބީ މި ދުވުމުގެ މުބާރާތުގައި ބައިވެރިވުމަށް މި ރަށަށް ޒިޔާރަތްކުރާނެ ހުރިހާ ދުވުންތެރިންނަށް ހޫނު މަރުޙަބާއެއް ކިޔުމަށް ތައްޔާރަށް،” މޭޔަރު ވިދާޅުވިއެވެ.
ދިރާގު ފުވައްމުލައް ރަން އަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ހުޅުވާލުމަށް ދަނީ ތައްޔާރުވަމުންނެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސްއަކީ ވޯލްޑް އެތްލެޓިކްސްއިން ސެޓިފައިކޮށްފައިވާ ރޭސް ރޫޓަކާއެކު، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ގެ ވޯލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަޤްވާމީ ދުވުމުގެ މުބާރާތެވެ.
މި ދުވުމުގެ މުބާރާތް މާލޭގެ އިތުރުން ފުވައްމުލަކުގައި ބާއްވައި، ޑީއެމްއާރްއާރް ފުޅާކުރުމަކީ ދުޅަހެޔޮ، ހީވާގި މުޖުތަމަޢުއެއް ބިނާކުރުމަށް އަދި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ދިރާގުން އިސްނަގައިގެން ކުރަމުންދާ ބުރަ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމުގައި އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.