ރާއްޖޭގެ އެކި ކޮޅުކޮޅުގައި ބޭނުންކުރާ ކަނޑު ދަތުރުފަތުރގެ އުޅަނދުތަކުގައި ޓްރެކިންގ ޑިވައިސް ހަރުކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިގޮތަށް ނިންމީ މިހާރު ރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުން ފުޅާވެފައިވާތީ އެކަން ހުއްޓުވުމުގެ ބޭނުމުގައެވެ.
މިއީ ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން ކެބިނެޓަށް ހުށަހެޅި ކަރުދާހަކަށް މަޝްވަރާކުރުމަށްފަހު ކެބިނެޓުން ނިންމި ނިންމުމެކެވެ.
މިނިންމުމާއެކު ކަނޑުދަތުރުކުރާ އުޅަނދުގެ ސަލާމަތާބެހޭ ޤަވާޢިދަށް އިސްލާހެއްގެނެސް ޓްރެކިންގ ޑިވައިސް ހަރުކުރުން ލާޒިމްވާގޮތަށް މިޤަވާޢިދު އިސްލާޙުކުރުމަށްވެސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މިޑިވައިސް ހަރުކުރާ ކަނޑުއުޅަނދުތަކުގެ ޙާރަކާތްތައް ބަލަހައްޓާނީ ފުލުހުންނާއި އެމްއެންޑީއެފުންނެވެ.