ރައީސް ޑޮކްޓަރ މުއިއްޒު ދާދިފަހުން “މިހާރު” ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިގޮތުގައި ގިނަ ގޮންޖެހުންތަކެއް ހުރިނަމަވެސް ފައިސާ ޗާޕް ނުކުރާގޮތަށް ނިންމި ނިންމުމަކީ މިހާތަނަށް މިސަރުކާރުން ނިންމި އެންމެ ބޮޑު އެއް ނިންމުންކަމުގައެވެ. މިއީ އައިއެމްއެފް އަަދި ވޯލްޑް ބޭންކް ފަދަ ރާއްޖޭގެ އިގްތިސާދަށް ފާރަވެރިވާ ޖަމިއްޔަތަކުން ވެސް ފާހަގަކޮށްފައި ވާކަމެކެވެ.
މި ނިންމުމަކީ ރާއްޖޭގެ އިގްތިސާދު ހަލާކުވެގެން ނުދިއުމަށް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. ގިނަ ދަރަނިތަކެއް ދައްކަން އޮތްނަމަވެސް ފައިސާ ޗާޕުކުރުމުގެ ބަދަލުގައި އެހެނިހެން ހައްލުހޯދުމަކީ ހަރުދަނާ ސިޔާސަތެއް ކަމުގައި ގަބޫލުކުރެވެއެވެ. “ބިލްތައް ދައްކަމުން، ހުރިހާ އިންޓަރނޭޝަންލް އޯވަރސީސް ޑެޓްތައްވެސް ޕޭކުރަމުން މިދަނީ،……… އެހެންވީމާ ފައިސާޗާޕް ނުކޮށް، ޑޮލަރުގެ އަގު ތިރިކުރަމުން (ބާޒާރުގައި) އެއްޗެތީގެ އަގު ހިފަހައްޓައި އަދިދައްކުރުވަމުން އިގްތިސާދަށް އިތުރަށް ދިރުން ގެނައުމަށް މަސައްކަތްކުރުމަކީވެސް ބޮޑު މަސައްކަތެއް” ކަމުގައި ރައީސް ވިދާޅުވިއެވެ.
ކޭޝްފްލޯ މައްސަލަތައް ހައްލުކުރުމަށް ފައިސާ ޗާޕްކުރުމަކީ އިގްތިސާދަށް ބޮޑެތި ގެއްލުން ވާކަމަކެވެ. މީގެތެރޭގައި ޑޮލަރުގެ އަގުމައްޗަށްދިއުމުގެ ސަބަބުން އިމްޕޯރޓްމުދަލުގެ އަގު މައްޗަށް ދިއުން ހިމެނެއެވެ.