12 މާރޗް، ވޯލްޑް ވައިޑް ވެބްގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އިންޓަރނެޓްގެ ބާނީ ސަރ ޓިމް ބާނަރސް-ލީ، އިންޓރނެޓްގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން ވަރަށް ކަންބޮޑުވާކަމަށް ބުނެފައެވެ. އޭނާގެ ކަންބޮޑުވުންތައް ބިނާކޮށްފައިވަނީ މިހާރުގެ ޓެކްޖަޔަޓްތަކުން ބޭނުންކުރަމުންދާ އެލްގޮރިޒަމްތަކުން ގެއްލުން ހުރި ނުރަނގަޅު އޮންލައިން ސުލޫކު ޕްރޮމޯޓްކުރާ މައްސަލައިގައެވެ.
އިންޓަނެޓްގެ މައްސަލަތައް ރެގިއުލޭޓް ކުރުމަށް މީގެ ކުރިން ކުރެވުނު މަސައްކަތްތައް ވަނީ ބޭކާރުވެފައެވެ. ތަޖުރިބާކާރުން މިހާރު ބުރަވަނީ އަސާސީ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އަސާސްތަކަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށެވެ. އެއީ ވަކިވަކި ފަރުދުންނަށް އޮންލައިން އައިޑެންޓިޓީ ޔަގީންކުރެވޭނެ ރައްކާތެރި ގޮތްތަކެއް ކަޑައެޅުމަށެވެ. އަމިއްލަ އައިޑެންޓިޓީ އަމިއްލައަށް ރައްކާތެރި ކުރެވޭނެ ޤާބިލްކަން ނެތުމުގެ ސަބަބުން ވަރުގަދަ ޕްލެޓްފޯމްތަކުން އަޅުގަނޑުމެންގެ ޑޭޓާ ކޮންޓްރޯލް ކުރަނީ އެކުންފުނިތަކުގެ އަމިއަލަ ފައިދާއަށެވެ.
ޕްރޮޖެކްޓް ލިބަރޓީ އަކީ މިހާރަށްވުރެ ޒިންމާދާރު އަދި އަޚްލާޤީ ގޮތުން ރަނގަޅު އިންޓަނެޓެއް ބިނާކުރުމަށް ފޯކަސްކޮށްގެން ހިންގާ ބައިނަލްއަޤްވާމީ ޙަރަކާތެކެވެ. އެއީ މަރުކަޒީ ޕްލެޓްފޯމްތަކުގެ ނޭދެވޭ ކަންތައްތައް އެންމެ ކުޑަކޮށް، ފަރުދުންގެ ޑޭޓާއާއި މުއާމަލާތްތަކުގެ މައްޗަށް ބޮޑު ކޮންޓްރޯލެއް އޮންނަ ޔޫޒަރ ސެންޓްރިކް ވެބެއްގެ ތަޞައްވަރުގައެވެ. ޕްރޮޖެކްޓް ލިބަރޓީ ފަދަ ޕްރޮޖެކްޓްތަކުން ހުށަހަޅާ ހައްލުތަކުގައި ލަފާދެނީ ފަރުދުންގެ އަމިއަލަ ޑޭޓާއަށް ވަންނަނީ ކޮންބައެއްތޯއާއި ކޮން ޝަރުތުތަކެއްގެ ދަށުންތޯ ފަރުދުން ކޮންޓްރޯލްކުރާ އާ ނިޒާމެކެވެ. މި ބަދަލަކީ ވެބްގެ ހެޔޮގޮތުގައި ބޭނުންހިފޭނެގޮތް އަލުން ހޯދުމުގެ ތަޅުދަނޑިއެއްގެ ގޮތުގައި ބެލެވޭ ބަދަލެކެވެ.
ނަމަވެސް ތަޖުރިބާކާރުން ބުރަވަނީ ހަމައެކަނި ޓެކްނޮލޮޖީގެ ސަބަބުން މި މައްސަލަ ހައްލު ނުކުރެވޭނެ ކަމަށެވެ. ޓެކްނޮލަޖީއަށް ގެންނަޖެހޭބަދަލުތަކާއި ލާޖައްސާ އިންސާނުންގެ ވިސްނުމަށާއި ޤައުމުތަކުގައި އަމަލުކުރާ ގާނޫނާއި ގަވާއިދުތަކާއި އުސޫލްތައްވެސް ބަދަލުތަކެއްގެންނަން ޖެހޭނެކަމަށެވެ. ވެބްގެ އަސްލު އޮނިގަނޑު ތަރައްގީވާން ޖެހޭނީ އާންމު މަސްލަހަތު އިހްތިރާމްކުރާ ގޮތްތަކުގެ މައްޗަށެވެ.