ދިވެހިރާއްޖެއަށް ބޭރުން ކުނި އެތެރެކުރުން އެއްކޮށް މަނާކުރުމަށާއި، ޕްލާސްޓިކް ކޮތަޅުން ނަގަމުންދާ ފީއަށް ބޮޑެތި ލުއިތަކެއް ދިނުމަށް ހިމަނައި ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ބޮޑު އިސްލާހެއް ހުށަހަޅައިފި އެވެ. ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝިފާޒް އެވެ.
މި އިސްލާހީ ބިލުގައި ހިމަނާފައިވާ އެންމެ މުހިންމު އެއް ތަފްސީލަކީ، ކުރިން އޮތް ގާނޫނުގައި ޚާއްސަ ހުއްދައެއްގެ ދަށުން ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، އެއްވެސް ބާވަތެއްގެ ކުނި ރާއްޖެއަށް އެތެރެކުރުން އެއްކޮށް މަނާކުރުމެވެ. މީގެ އިތުރުން، އާންމުންނާއި ވިޔަފާރިވެރިންނަށް ބޮޑު ތަކުލީފަކަށް ވެފައިވާ ޕްލާސްޓިކް ކޮތަޅުގެ ފީއަށް ބަދަލު ގެނައުމަށް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން، 50 ކޮތަޅަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ “ކޮތަޅު ބޮނޑި” ހޯލްސޭލްކޮށް ވިއްކާއިރު، ކުރިން ނަގަމުން އައި 2 ރުފިޔާގެ ފީ ކަނޑާލުމަށް ބިލުގައި ވެ އެވެ.
މިހާރު އޮތް ގޮތުން ކޮތަޅު ބޮނޑި ގަންނައިރު ވެސް އަދި ރީޓެއިލްކޮށް ފިހާރަތަކުން މުދާ ގަންނައިރު ވެސް ފީ ނަގާތީ، އާންމުންނާއި ވިޔަފާރިވެރިންނަށް ބޮޑު މާލީ ބުރައަކަށް ވެފައިވާ “ޑަބަލް ޓެކްސް” ވުމުގެ މައްސަލަ މި އިސްލާހާއެކު އެއްކޮށް ހައްލުވާނެ އެވެ. މި ގާނޫނީ ބަދަލުގެ ސަބަބުން ކޮތަޅު ހޯލްސޭލް ކުރާ އަގު ވަރަށް ބޮޑަށް ހެޔޮވެ، އާންމު ކަސްޓަމަރުންނާއި ވިޔަފާރިވެރިންނަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.