މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެންމެ ބާރުގަދަ އިދާރީ މަގާމު ކަމަށްވާ ޕާޓީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި ފޯރިގަދަ އިންތިހާބު، ބޮޑު ތަފާތަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފި އެވެ. މި އިންތިހާބުގައި ރައީސް ނަޝީދާ ވާދަކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް ނަސީމް އެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ނަޝީދު ވަނީ 8,661 ވޯޓު ހޯއްދަވާފަ އެވެ. މީކާއިލްއަށް ލިބިވަޑައިގަތީ 4,158 ވޯޓެވެ.
ނަތީޖާ ސާފުވުމާއެކު މީކާއިލް ވަނީ ބަލި ގަބޫލުކުރައްވައި ރައީސް ނަޝީދަށް މަރުހަބާ ދަންނަވާފަ އެވެ. ކާމިޔާބީއަށްފަހު ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ޕާޓީގެ ހުރިހާ މެންބަރުންނާ އެކުގައި އެއްބާރުލުންދީގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. މިއީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި 6 ވަނަ އިންތިހާބެވެ. މި އިންތިހާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އިތުރުން ސްރީ ލަންކާގައި ވެސް ވޯޓު ފޮށި ބެހެއްޓި އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އިދާރީ އަދި ސިޔާސީ ހިންގުމުގެ އެންމެ އިސް ވެރިޔާ އެވެ. ރައީސް ނަޝީދު މި މަގާމަށް އަލުން ވަޑައިގަތުމަކީ ޕާޓީގެ ސިޔާސީ ހަރަކާތްތަކަށް ލިބޭނެ އާ ދިރުމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. މި ކާމިޔާބީއާއެކު އެމްޑީޕީން މިވަނީ ކުރިއަށް އޮތް ސިޔާސީ ގޮންޖެހުންތަކާ ކުރިމަތިލުމަށް ޕާޓީގެ “ރީނދޫ ލަޝްކަރު” އަލުން ރުކުރުވާލުމުގެ އާ ބާރެއް ހޯދާފަ އެވެ.