އިންޑިއާ އިން މިހާރު ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރަން ކެމްޕޭންތަކެއް ހިންގިޔަސް އެ ގައުމުން އަންނަ ޓޫރިސްޓުން ނިސްބަތުން މަދުނުވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފި އެވެ.
އިންޑިއާ އިން ފެށި ބޮއިކޮޓް ކެމްޕޭނާ ގުޅިގެން އެ ޖަމިއްޔާ އިން ވަނީ ސާވާއެއް ހަދައި އެކަމާ ގުޅޭ މައުލޫމާތު އާންމުކޮށްފަ އެވެ. އެގޮތުން އިންޑިއާ ބުކިންސް ކެންސަލްކުރި މިންވަރާ ގުޅޭ ގޮތުން ހެދި ސާވޭ އިން ދައްކާ ގޮތުގައި ކެންސަލްކުރި ބުކިންސްގެ އަދަދު ނިސްބަތުން ވަރަށް މަދެވެ.
މި ސާވޭގެ ނަތީޖާ ހިއްސާކޮށް ބުނީ އިންޑިއާ ފަތުރުވެރިން ރާއްޖެއަށް ގިނަ އަދަދަކަށް އަންނަން ފެށީ 2020 ވަނަ އަހަރުން ފެށިގެން ކަމަށާއި އިންޑިއާ ފަތުރުވެރިން ގިނަވީ ކޮވިޑް-19 އާއި ކަރަންޓީނާ ގުޅިގެން ކަމަށެވެ.
އިންޑިއާ އަކީ މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. އެ ގައުމުން މިދިޔަ އަހަރު ރާއްޖެ އަށް 209،198 ޓޫރިސްޓުން އަ އެވެ. އިންޑިއާ އަކީ މިހާރު ރާއްޖޭގެ ތިން ވަނަ މާކެޓެވެ. މި މަހުގެ 13 އާ ހަމައަށް އިންޑިއާ އިން ރާއްޖެ އަށް 6،269 ޓޫރިސްޓުން އައިސްފައިވެ އެވެ.
އެހެންވެ އިންޑިއާގެ ކެމްޕޭނާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އެކަމުގެ މާ ބޮޑު ލޮޅުމެއް ނާރާ ކަމަށް މަޓާޓޯ އިން ބުންޏެވެ.
ޖެނުއަރީގެ މި ޓްރެންޑްގެ ރެކޯޑަށް ބަލާ އިރު، މަޓާޓޯ އިން ބުނީ މިދިޔަ އަހަރުގެ ޖެނުއަރީގައި ވެސް އިންޑިއާ އިން ރާއްޖެ އައި ޓޫރިސްޓުން އަދަދު ދަށް ކަމަށާއި އެހެންވެ މި ފަހަރު ވެސް އެ ގޮތަށް ދިމާވެދާނެ ކަމަށެވެ. އަދި އެއީ މިހާރު އިންޑިއާ އިން ކުރިއަށް ގެންދާ ބޮއިކޮޓް ކެމްޕޭނާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ވެސް މަޓާޓޯ އިން ބުންޏެވެ.