ދިވެހިންގެ ތެރޭގައި މައިކްރޮސޮފްޓް މަޝްހޫރުވެފައި ވަނީ އޮޕަރޭޓިންގް ސޮފްޓްވެއަރ އެއްގެ ގޮތުގައެވެ. މީގެ އިތުރުން މައިކްރޮސޮފްޓަކީ އެކި ސިނާއަތްތަކަށް ވަންނަމުން، އަދިވެސް އިތުރަށް ފުޅާ ކުރަމުންދާ ކުންފުންޏެކެވެ. އެގޮތުން، މިއަދު މިފާހަގަކޮށްލަނީ، ގޭމިންގް ސިނާއަތަށް ދާދި ފަހުން މައިކްރޮސޮފްޓްގެ ގެނެސްފައިވާ އިންޤިލާބީ ބަދަލަކަށެވެ.
މައިކްރޮސޮފްޓް އެކްސްބޮކްސް ގޭމިން ކޮންސޯލުގެ މާކެޓް އިތުރަށް ފުޅާ ކުރުމުގެ ގޮތުން، އަދުގެ ޒުވާނުން ތެރޭގައި މަޝްހޫރު “ކޯލް އޮފް ޑިއުޓީ” ގޭމުގެ ވެރި ކުންފުނި، އެކްޓިވިޝަން ބްލިޒާޑް ގަތުމަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު މައިކްރޮސޮފްޓުން ޢިއުލާން ކުރިއެވެ.
ނަމަވެސް ހަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު އިނގިރޭސިވިލާތުގެ “ކޮމްޕެޓިޝަން އެންޑް މާކެޓްސް އޮތޯރިޓީ (ސީއެމްއޭ)” އިން ގަނެ ވިއްކުމުގެ މި މުޢާމަލާތައް ހުރަސްއެޅީ، އެކަމުގެ ސަބަބުން އުފެއްދުންތެރިކަން މަދުވެ، ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކްލައުޑް ގޭމިން ވިޔަފާރީގެ ބަޒާރުގައި ރައްޔިތުންނަށް ލިބެން ހުރި ވައްތަރުތައް މަދުވާނެކަމަށް ޤަބޫލު ކުރެވޭތީއެވެ. މިކަމާ ގުޅިގެން މައިކްރޮސޮފްޓްގެ ރައީސް ބްރެޑް ސްމިތު ވަނީ އިނގިރޭސިވިލާތަކީ ވިޔަފާރިއަށް އެހާ ކަމުދާ ތަނެއް ނޫން ކަމަށާއި ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ތަނެއް ކަމުގައި ވިދާޅުވެފައެވެ.
ދެފަރާތުގެ ކޯޅުންތަކަކަށް ފަހު، މިދިޔަ އޮކްޓޯބަރު މަހު ވަނީ، ބަދަލުތައް ގެނެސްފައިވާ ގަތުމުގެ ހުށައެޅުން ޤަބޫލުކޮށް، ފެހި ސިގްނަލް ދީފައެވެ.
އެއާއެކު، ސްމިތްގެ ބަސްމަގު ބަދަލުވެ، އެ މުޢާމަލާތް ފާސްކުރުމަށް ހުށައެޅުނު “ކޮމްޕެޓިޝަން އެންޑް މާކެޓްސް އޮތޯރިޓީ (ސީއެމްއޭ)” އަކީ އިންސާފުވެރި ތަނެއް ކަމުގައި ބުނެ، ކުރީގެ ފާޑުކިޔުންތައް ފަހަތަށް ޖައްސާލިއެވެ.
“އެއީ މައިކްރޮސޮފްޓުގެ ހުށައެޅުން މުޠާލިއާ ކުރުމަށް ބާރުއެޅި ކަމެއް. ކްލައުޑް ގޭމިންއާ ގުޅޭ ގޮތުން ސީއެމްއޭ އިން ކަންބޮޑުވާ އެކްޓިވިޝަން ބްލިޒާޑްގެ ޙައްޤުތަކާއި މެދު ވިސްނާ، އެއަށް އިޙްތިރާމްކުރުމަށް ހުޅުވާލި ދޮރެއް.” ބީބީސީގެ ޓުޑޭ ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ސްމިތު ވިދާޅުވިއެވެ.
މައިކްރޮސޮފްޓުން އެކްޓިވިޝަން ބްލިޒާޑް ގަތުމުގެ ޕްލޭނަކީ ގޭމިން ސިނާއަތުގެ ތާރީޚުގައި ލިޔެވޭނެ ކަމެކެވެ.