ވަޒީފާ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު (ގާނޫނު ނަންބަރ 2024/2)، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަޞްދީޤު ކުރައްވައިފިއެވެ. މި ބިލް މަޖިލީހުން ފާސްކުރީ މިއަހަރުގެ ތިންވަނަ ދައުރުގެ 37 ވަނަ ޖަލްސާގައެވެ.
މި ޤާނޫނުގެ މައިގަނޑު މަޤްސަދަކީ މުވައްޒަފުންގެ ރައްކާތެރިކަމާއި ސިއްޙަތަށް ވަކި މިންގަނޑުތަކެއް ކަނޑައަޅައި، ވަޒީފާގެ މާހައުލަކީވެސް ރައްކާތެރި، ނޭދެވޭ އަސަރެއް ނުކުރާ ފަދަ ފެންވަރުގެ ތަނެއްކަން ކަށަވަރުކުރުމެވެ. މިދެންނެވި ކަންތައްތައް ޙާސިލްކުރުމުގެ ގޮތުން، ބިލުގައި މަސައްކަތް ކުރާ ފަރާތުގެ ޙައްޤާއި، މަސައްކަތު މާޙައުލާ ގުޅުންހުރި ފަރާތްތަކުގެ ޒިންމާތަކާއި، ޤާނޫނު ތަންފީޒު ކުރާ ފަރާތްތަކުގެ ޒިންމާތަކާއި، އެކްސިޑެންޓެއް ހިނގައިފިނަމަ ތަޙުގީގެއްގައި ހުންނަން ޖެހޭ މިންގަނޑުތަކާއި އަދަބުތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ނުރައްކާތެރި މާޙައުލުތަކުން ވަޒީފާދޭ ފަރާތްތައް ޖޫރިމަނާ ކުރެވިދާނެ ކަމަށާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ލިބޭ އަނިޔާތަކަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މުވައްޒަފުންނަށް ބަދަލު ހޯދޭނެކަމަށް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
“އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް އެކްޓް” ގެ ހުރިހާ ތަފްސީލެއް ގެޒެޓްގައި ޝާއިއު ކުރެވިފައި ވާއިރު، ތަސްދީޤް ކުރާ ދުވަހުން ފެށިގެން 3 މަސްދުވަސް ހަމަވާ ތާރީޚު ގައި މިބިލަށް ޢަމަލުކުރަން ފެށޭނެއެވެ.
އުއްމީދަކީ މިބިލުގެ ސަބަބުން ވަޒީފާ މާޙައުލުގެ ރައްކާތެރިކަން އިތުރަށް ވަރުގަދަވެ، ދިމާވާ ހާދިސާތަކުގައި ވަޒީފާދޭ ފަރާތްތަކުން ޖަވާބުދާރީ ކުރުވުމަށް ފަސޭހަވެ، ހަރުދަނާ ގޮތެއްގައި ޤާނޫނު ތަންފީޒު ކުރެވޭނެކަމަށެވެ.