މިސަރުކާރުގައި ލިބޭ އާމްދަނީއަށްވުރެ ޚަރަދު ފުރަތަމަ ފަހަރަށް އިތުރުވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ މާލީ ވުޒާރާއިން ކޮންމެ ހަފްތާއަކު ނެރޭ އާމްދަނީ އާއި ޚަރަދުގެ ތަފާސްހިސާބުތަކުންނެވެ. މިހސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާރޗްމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ދައުލަތަށް 6.86 ބިލިއަން ރުފިޔާ ލިބި ހަމަ މިމުއްދަތުގައި 7.03 ބިލިއަން ދައުލަތުން ޚަރަދު ކޮށްފައިވާ ކަމަށެވެ.
ޚަރަދުތަކަށް ބަލާއިރު އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ މުސާރައަށެވެ. މުސާރައަށް 2.19 ބިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވެއެވެ. މިއީ 2023 ގެ މިމުއްދަތުގައި މުސާރަތަކަށް ކުރި ޚަރަދަށް ވުރެ 200 މިލިއަން ރުފިޔާ ގެ އިތުރުވުމެކެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި 5.66 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު މިދިޔައަހަރު މިމުއްދަތުގައި ސަރުކާރުން ރިކަރަންޓަށް ކުރިޚަރަދަށްވުރެ 300 މިލިއަން ރުފިޔާ ވަނީ ކުޑަކޮށްފައެވެ.
މިސަރުކާރުން ޚަރަދު ކުޑަކޮށްފައިވަނީ ތަރައްޤީއަށް ޚަރދުކުރަންޖެހޭ ކެޕިޓަލް ޚަރަދުތަކުން ބޮޑުބައެއް ކަނޑާލައިގެންނެވެ. މިމުއްދަތުގައި ކެޕިޓަލް ޚަރަދުގެ ގޮތުގައި 1.37 ބިލިއަން ޚަރަދު ކޮށްފައިވާ އިރު މިދިޔައަހަރު މިމުއްދަތަށްވުރެ 1.7 ބިލިއަން ރުފިޔާގެ ކުޑަވުމެއް މިއަހަރު ފާހަގަކުރެވުނެވެ.
އާމްދަނީއަށް ބަލާއިރު މިދިޔައަހަރުގެ މިމުއްދަތަށްވުރެ މިއަހަރު ލިބުނު އާމްދަނީ 400 މިލިއަން ރުފިޔާ އިތުރުވެފައިވެއެވެ. މިގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 5.94 ބިލިއަން ރުފިޔާ ލިބިފައިވާ ކަން ފާހަގަކުރެވިފައިވެއެވެ.