ކަނޑުމަގުން ރާއްޖެއަށް ސިގިރޭޓު ޝިޕްމެންޓެއް އެތެރެކުރި މައްސަލައަކީ ރޭވުންތެރިކަމާއެކު ހިންގި މަކަރާއި ހީލަތުގެ ބޮޑު އަމަލެއް ކަމަށަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ (ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ) އިން ބުނެފިއެވެ.
މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވީ، މި މައްސަލައާ ގުޅިގެން ކަސްޓަމްސްއިން ހިއްސާކުރި ބައެއް މަޢުލޫމާތުތަކުގައި ސުވާލު އުފެދޭ ކަންކަން ހުރި ކަމަށާއި، އިތުރަށް މަޢުލޫމާތު އޮޅުންފިލުވަން ޖެހޭ ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އަމިއްލަ ކުންފުންޏެއްގެ ތެޔޮ ބޯޓެއްގައި 8،400 ސިނގިރޭޓު ކާޓަން (84،000 ސިނގިރޭޓު ފޮށި) އެތެރެކުރި މައްސަލައެއް ފެންމަތިވިއެވެ. މި މައްސަލައިގައި އެގްޒޮޓިކް އެންޓަޕްރައިސަސް ކިޔާ ކުންފުންޏަކަށް ތުހުމަތު ކުރެވެއެވެ.
ނާޒިމް ވިދާޅުވީ، ކަސްޓަމްސްއިން ކޮމިޓީއަށް ދިން ބަޔާނުގައި ބުނެފައިވާ ގޮތުން އެތެރެކުރީ ފޭކު ސިނގިރޭޓުތަކެއް ކަމަށާއި، އެ ބްރޭންޑުގެ ސިނގިރޭޓު އެތެރެކުރާ އަސްލު ކުންފުނިން ކޯޓަށް ދިއުމުން، ކޯޓު އަމުރެއްގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި އެ ތަކެތި ބަހައްޓާފައިވާ ކަމަށެވެ. އަދި މި މުއްދަތުގައި ސިނގިރޭޓު އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ ކުުކުރެވޭ ކުންފުނީގެ ހިއްސާދާރުން ބަދަލުކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“ފަހުން ހަވާލުވި ހިއްސާދާރުން ތިބި ކުންފުންޏަށް 46 މިލިއަން ރުފިޔާ ބިލްކޮށްފައި އޮތްކަން ވެސް އެނގޭ. މިއީ ވަރަށް ބޮޑަށް ރާވައިގެން ކޮށްފައިވާ ކަމެއް،” ނާޒިމް ވިދާޅުވިއެވެ.
ކޮމިޓީން މިއަދު ނިންމީ، މި މައްސަލައިގައި ހޯކްސްގެ ބައިވެރިވުމެއް އޮތްތޯ ބަލައި ވަކި ރިޕޯޓެއް ތައްޔާރުކުރުމަށާއި، ފައިސާގެ މުޢާމަލާތްތަކާއި ޝާމިލުވާ ކުންފުނިތަކާ ގުޅޭ މައްސަލަ އެހެން ރިޕޯޓެއްގެ ގޮތުގައި ތައްޔާރުކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. އަދި އިތުރު މަޢުލޫމާތު ހޯދުމަށް ހޯމް މިނިސްޓަރު އަލީ އިހުސާނާއި، ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާޢު އަދި ކަސްޓަމްސް ކޮމިޝަނަރު ހާޒިރުކުރުމަށްވެސް ނިންމިއެވެ.
މި މައްސަލައިގެ ތަޙްޤީޤު ފުލުހުން ކުރިއަށް ގެންދާއިރު، ކުންފުނީގެ ކްރޫއިންގެ ބަޔާން ނަގާފައިވާ ކަމަށް ވަނީ އެނގިފައެވެ. އަދި ކުންފުނިން ބުނެފައިވަނީ އެ ކުންފުނީގެ މެނޭޖްމަންޓުގެ އެއްވެސް ބައިވެރިވުމެއް މި މައްސަލައިގައި ނެތް ކަމަށާއި، އެކަމުގައި ކުންފުނީގެ އެތެރޭގެ ތަޙުޤީޤެއް ވެސް ފަށާފައިވާ ކަމަށެވެ. އަދި މައްސަލައިގައި ހިމެނޭ މީހުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ކުންފުނިން ބުނެފައިވެއެވެ.
ނާޒިމް ވިދާޅުވިގޮތުގައި، މި މައްސަލައިގައި ހިނގާފައިވަނީ ވަރަށް ބޮޑު މަކަރާއި ހީލަތުގެ ޖަރީމާއެކެވެ. “އެންމެ ފުރަތަމަ ސިނގިރޭޓު އެތެރެކޮށްފައި ފައިސާ ދައްކާފައި އޮއްވާ، ކޯޓު އަމުރެއްގެ ދަށުން އެ ތަކެތި ހިފެހެއްޓީމަ، ކުންފުނީގެ ހިއްސާ ބަދަލުކުރީ. ބަދަލުކޮށްފައި ބޮންޑެޑް ވެއަރހައުސްގައި ހުރި ތަކެތި ގާނޫނާއި ގަވާއިދާ ޚިލާފަށް ވިއްކާލީ،” އޭނާ ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކަސްޓަމްސްއިން ފޮނުވާފައިވާ ޓައިމްލައިނުން ބައެއް މަޢުލޫމާތު މަދުކަން ފާހަގަކުރެވޭ ކަމަށާއި، ހިއްސާ ބަދަލުކުރި ތާރީޚެއް ވެސް އޭގައި ނެތް ކަމަށެވެ. އަދި މި މައްސަލައިގެ ޙަޤީޤަތް އިތުރަށް އޮޅުންފިލުވުމަށް ކަސްޓަމްސްއާ އިތުރަށް ސުވާލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާއިރު، 241 ކޮމިޓީން މިހާރު ވަނީ އިތުރު މަޢުލޫމާތު ހޯދުމަށް ކަމާބެހޭ އިސް ފަރާތްތައް ހާޒިރުކުރުމަށް ނިންމާފައެވެ. އަދި މި މައްސަލައިގެ ތަފްޞީލީ ރިޕޯޓުތަކެއް ތައްޔާރުކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށްވެސް ވަނީ ނިންމާފައެވެ.
މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާއިރު، އާންމުންގެ ސަމާލުކަން ވަނީ މިކަމަށް ބޮޑަށް ހުޅުވިފައެވެ. ގިނަ ބަޔަކު އުންމީދުކުރަނީ މި މައްސަލައިގެ ޙަޤީޤަތް އަވަހަށް ހާމަވެ، ޒިންމާވާންޖެހޭ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށެވެ.