މިލިއުން ޝެއަރ ކުރައްވާ

ސްޓެލްކޯއިން އިލެކްޓްރިކް ސައިކަލް ގެނެސްފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގުގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

ޓީއެމްއޭގެ މުވައްޒަފުންގެ މުސާރަ ރުފިޔާއިން ދެނީ

ޓައިވާނުގެ މަޝްހޫރު ގޮގޯރޯ ބްރޭންޑްގެ ބެޓަރީ ސައިކަލް ރާއްޖެއަށް ތައާރަފް ކުރަން ސްޓެލްކޯ އިން ނިންމައިފި އެވެ.

މި ބްރޭންޑް ފުރަތަމަ ޝިޕްމަންޓްގައި ހިމެނޭ ސައިކަލްތައް ސްޓެލްކޯ އިން މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ. އެކަމަކު އެއީ ކިހާ އަދަދެއްގެ ސައިކަލް ކަމެއް އެ ކުންފުނިން ނުބުނެ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ މިއަދު ވިދާޅުވީ ދިވެހިންނަށް ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް އުޅަނދު ގެންގުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަނޑައަޅާފައިވާ ތިމާވެއްޓާއި ރައްޓެހި ހަރުދަނާ ސިޔާސަތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް އެހީތެރިވެދިނުމަށް، އެނާޖީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތައާރަފްކޮށް، އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭނެ ނިޒާމެއް ސްޓެލްކޯ އިން މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ.
“އެގޮތުން ޓައިވާނުގެ މަޝްހޫރު ގޮގޯރޯ ބްރޭންޑްގެ އެޑްވާންސްޑް ބެޓްރީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތައާރަފްކޮށް، އެ ނިޒާމު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މިހާރު ދަނީ މަސައްކަތް ކުރަމުން. މީގެ ބެޓެރި ސިސްޓަމްތައް މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވުމާއެކު، އޭގެ ބެޓްރިތަކާއި ކޮމްޕެޓިބަލް ސައިކަލު ރާއްޖެ އެތެރެ ކުރުމުގެ ފުރުސަތު އެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވިގެންދާނެ،” ފަހްމީ ވިދާޅުވި އެވެ.

ފަހްމީ ވިދާޅުވި ގޮތުގައި ބެޓްރީ ސިސްޓަމްތަކާއި، ކާރު ޗާޖުކުރުމަށް ގާއިމުކޮށްފައިވާ އީވީ ޗާޖިން ސްޓޭޝަނާއެކު، އިލެކްޓްރިކް އުޅަނދުތަކަށް ލޯބި ކުރާ މީހުން އެފަދަ އުޅަނދު ގެންގުޅުމަށް ދެކެމުން އައި ޒަމާނީ ހުވަފެންތަކުގައި ކުލަޖެހި، ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ނިޒާމެއް އެކަށައެޅުމަށް ސަރުކާރުން ކުރަމުންދާ ހަރުދަނާ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ފަހްމީ ވިދާޅުވީ މިފަދަ ސައިކަލްތަކުގެ ޓެސްޓް ރައިޑްކޮށް، އަޖުމަ ބަލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމުގެ ގޮތުންނާއި، އެފަދަ ތިމާވެއްޓާއި ރައްޓެހި ސައިކަލްކަށް ޝައުގުވެރިކަން އުފައްދައި، އެއަށް ބަދަލުވުމަށް ހިތްވަރުދިނުމުގެ ގޮތުން އޭގެ ސައިކަލްތަކެއް ރާއްޖެ ގެނެސް އެ ޓެސްޓް ކުރުމުގެ ފުރުސަތު ފަހިކުރުމަށް އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން އެނާޖީ މެނޭޖްމަންޓް ސިސްޓަމާއި، އީވީ ޗާޖިން ސްޓޭޝަނަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީވެސް ތިމާވެއްޓާއި ރައްޓެހި ނިޒާމުތަކުގެ ތެރެއިން ކަމަށްވާތީ، މިއީ ސަރުކާރުން އަމާޒުހިފާފައިވާ 33 ޕަސަންޓަށް ވާސިލްވުމަށާއި، ތަރައްީއާއި ތަހުޒީބުގެ މަގުގައި ރާއްޖެއިން ކުރިއަށް އަޅާނެ އިތުރު ފިޔަވަޅެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް ފަހްމީ ވިދާޅުވި އެވެ.
“މިފަދަ ތިމާވެއްޓާއި ރައްޓެހި، ރައްޔިތުންނަށް ފައިދާ ކުރަނިވި ބަދަލުތަކަށް ދިވެހިންނަކީ އަބަދުވެސް މަރުހަބާ ކިޔާނެ ބައެއް. މީގެ ސަބަބުން މާލެތެރޭގެ ވައި ތަޣައްޔަރުވުން ކުޑަކުރެވި، މި މުޖުތަމަައުގައި ދިރިއުޅޭ ފަރުދުންގެ ސިއްހަތަށްވެސް އޭގެ ފައިދާތަކެއް ކުރާނެކަމަށް ގަބޫލުކުރަން،” ފަހްމީ ވިދާޅުވި އެވެ.