ރާއްޖޭގައި މުޅިން އަލަށް, އުރީދޫއިން ސެމްސަންގް ގަޑިއަށް އީސިމްގެ ޚިދުމަތް ތާރަފްކޮށްފިއެވެ.
އުރީދޫއިން ބުނީ މި ޚިދުމަތަކީ ކަސްޓަމަރުން ސީދާ ސްމާޓްވޮޗުން ގުޅާލެވުމުގެ ފުރުސަތު ފަހިކޮށްދީ، ފޯނު ކައިރީގައި ނެތް ވަގުތު ތަކުގައިވެސް ކަނެކްޓްވެފައި ހުރުން ޔަގީންކޮށްދޭ ޚިދުމަތެއް ކަމަށެވެ. އަދި މި ޚިދުމަތް ލިބޭނީ ރާއްޖެ ސަރަހައްދަށް ބޭނުންކުރެވޭ ސެމްސަންގް ވޮޗް އަލްޓްރާ ހަތެއް އެލްޓީއީ ޑިވައިސްތަކަށް ކަމަށް އުރީދޫއިން ބުނެއެވެ.
މި ޓެކްނޮލޮޖީއާއެކު ކޯލް ކުރުމާއި ޓެކްސްޓް މެސެޖް ފޮނުވުމާއި މިއުޒިކް ސްޓްރީމް ކުރުމުގެ އިތުރުން ސެމްސަންގް ސްމާޓްވޮޗުން ކުރެވޭ ބޭނުންތައް ފޯނާ ނުލައި ކުރެވޭނެއެވެ.
އީސިމް ކެޕޭބިލިޓީގެ ސަބަބުން ފަސޭހަކަމާއެކު ކަނެކްޓިވިޓީ ލިބި، ބޭނުންކުރާ ފަރާތްތަކަށް އިތުރު މިނިވަންކަމާއި ލުއިފަސޭހަކަން ލިބިގެންދާނެކަމަށް ވެސް އުރީދޫއިން ވަނީ ބުނެފައެވެ.
ސެމްސަންގުން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ, މެނޭޖިން ޑިރެކްޓަރު ސަންގްވާ ސޯންގް, ވިދާޅުވިގޮތުގައި އެ ކުންފުންޏަކީ އީޖާދީ “ވެއާބަލް ޓެކްނޮލޮޖީ” ފޯރުކޮށްދިނުމަށް ޚާއްސަ ކޮށްފައިވާ ކުންފުންޏެއް ކަމަށެވެ. އުރީދޫއާ ގުޅިގެން އެ ކުންފުނީގެ ގަޑިތަކަށް އީސިމްގެ ޚިދުމަތް ރާއްޖޭގައި ތައާރަފު ކުރަން ލިބުމަކީ އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
“މިއިން ދައްކުވައިދެނީ ޑިޖިޓަލް ލައިފްސްޓައިލް ޕްރޮމޯޓްކޮށް ރާއްޖޭގެ ކަސްޓަމަރުންނަށް މުހިންމު އިނޮވޭޝަންތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތު.” ސަންގްވާ ސޯންގް ވިދާޅުވިއެވެ.
ސެމްސަންގް އީސިމް ވެއާބަލްގެ ޚިދުމަތް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ މޯބައިލް ކަސްޓަމަރުންނަށް ވެސް ތިން މަސް ދުވަހަށް އެއްވެސް އަގަކާ ނުލައި މިހާރު ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ. އުރީދޫއިން ބުނީ މި ޕްރޮމޯޝަންގެ މުއްދަތަށްފަހު ކޮންމެ މަހަކު 199 ރުފިޔާގެ ޗާޖެއް މި ޚިދުމަތަށް ނަގާނެ ކަމަށެވެ.